ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހުޅުވި މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުވި މަސްމާރުކޭޓެކެވެ. އަދި މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވި މަސްމާރުކޭޓެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެގޮތުން މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީހަވާލުކުރެވިފައެވެ. އެ ކޯޕަރޭޝަނުން ބުނީ ރޯދަ މަސް ފެށުމާއިއެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެކަމަށެވެ. މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ.

މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސައިދިނުން ކަމުގައި އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ވުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ކަމަށެވެ. މި ރޯދަ މަހުގައި ހުޅުމާލެގައި ދިރި އުޅޭ ފަރާތްތަކަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.