ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ‏ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ގައުމުތަކުގެ އެންމެހައި އަހުންނާއި އުހުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

‏‏‏ރައީސް ފޮނުއްވި މެސެޖުގައި، މި ފެށުނު ރަމަޟާން މަހަކީ ގައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.