ޕޮލެންޑް އިން ޔޫކްރޭނަށް ސިފައިން ފޮނުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޕޮލިޝް ޑިފެންސް މިނިސްޓްރީގެ އަންޑަސެކްރެޓަރީ އޮފް ސްޓޭޓް ސްޓޭނިސްލޯ ވްޒިއަޓެކް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިފައިން ހަނގުރާމައިގައި ބައިވެރިވުމަށް އަޅުގަނޑުމެން ރާވާފައެއް ނުވޭ ސަބަބަކީ ޕޮލިޝް ސިފައިން ޔޫކްރެއިންގައި ތިބެއްޖެ ނަމަ އެއީ ހަނގުރާމައިގައި ބައިވެރިވުން ފަދަ ކަމެއް" ސްޓޭނިސްލޯ ވްޒިއަޓެކް ޕޮލްސްކީ ރޭޑިއޯއަށް ވިދާޅުވި އެވެ. މީގެއިތުރުން އޭނާ ވިދާޅުވީ ތަމްރީނުގެ ބޭނުމުގައި ވިޔަސް ޕޮލިޝް ސިފައިން ޔޫކްރޭނަށް ފޮނުވުމަށް ގަސްތެއް ނުކުރާ ކަމަށެވެ.
މީގެ ކުރިން ޕޮލެންޑްގެ ފޮރިން މިނިސްޓަރު ރަޑޯސްލާވް ސިކޯސްކީ ވިދާޅުވީ ޔޫކްރެއިންގައި ސިފައިން ބެހެއްޓުމާ ބެހޭ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިސްނެގުމަށް ވަރަށް ބޮޑަށް އަގުވަޒަން ކުރައްވާ ކަމަށެވެ. ނަމަވެސް ޕޮލިޝް ޑިފެންސް މިނިސްޓްރީން ތަކުރާރުކޮށް ބުނަމުން އައީ ވާސޯއިން ޔޫކްރޭނަށް ސިފައިން ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މެކްރޮން ފެބްރުއަރީ 26 ގައި ވިދާޅުވީ ކިއެވްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ދާދިފަހުން ޕެރިހުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވާ ހުޅަނގުގެ 20 އެއްހާ ގައުމަކުން ޔޫކްރެއިނަށް ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށެވެ. ފްރާންސްގެ ލީޑަރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި އިއްތިފާޤު ނުވި ނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ ފުރުސަތެއް ނައްތާލެވޭކަށް ނެތެވެ.
މިބައްދަލުވުމަށްފަހު އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ޤައުމުތަކުން ވަނީ ސިފައިން ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތްކަމަށް ބުނެފައެވެ. ޔޫކްރޭން އާއި ރަޝިޔާއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ސީދާ ބައިވެރިވުމުގެ ޚިޔާލާ ގިނަ ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެެވެ.