ފުވައްމުލަކު ދަޑިމަގު އަވަށު، އާބާދުގޭ، އިސްމާޢީލް ރަފީޤަކީ ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީއިން ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓެވެ. މޭޔަރު ކަމަށް ވޯޓު ދެއްވަންޖެހޭ ހުރިހައި ޝަރުޠެއް އިސްމާޢީލްގެ ފުރިހަމަވެފައިވާ ކަމަށް ނިންމަންޖެހޭ ގިނަ ސަބަބުތައް އެބަހުއްޓެވެ.

މިފަދަ މަޤާމަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ހުންނަންވާނެ އެންމެ މުހިންމު ސިފައަކީ އިޚުލާޞްތެރި ކަމެވެ. "އިޚްލާޞްތެރިކަން" މިއީ ވޯޓާއިގުޅިގެން ކަންފަތަށް އިވިއިވި މީހުން ފޫހިވެފައިވާ ލަފުޒެކެވެ. ކުރިން އޮންނަ ފަހުން ނޯންނަކަމަށް މަޝްހޫރުވެފައިވާ ނަމެކެވެ. ނަމަވެސް އިސްމާޢީލްގެ ކިބައިން އިޚުލާޞްތެރިކަން ފެންނަމުންދަނީ އަމަލީގޮތުންނެވެ. ތަޖުރިބާއިންނެވެ. ރަށުވަންތަ ލޯތްބާއި ޤައުމީ ރޫޙުންނެވެ.

އިސްމާޢީލްގެ ތަރައްޤީގެ ވިސްނުމާއި ޚިޔާލު ތަނަވަހެވެ. ޢިލްމާއި ޙިލްމު އެބަހުއްޓެވެ. ތަރައްޤީގެ ފިކުރާއި ޕްލޭންތައް އެބަހުއްޓެވެ. ރައްޔިތުންގެ ގާތަށް އޭނާ ވަޑައިގެންނެވީ މިކަންކަމާއިގެންނެވެ.

ރައްޔިތުންގެ ގާތަށް

އިސްމާޢީލް ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވައި ރައްޔިތުންގެ ގާތަށް ވަޑައިގެންނެވީ ހުސްއަތާއެއް ނޫނެވެ. ވަޑައިގެންނެވީ ޕްލޭނެއް ހިއްޕަވައިގެންނެވެ. އިޤްތިޞާދީ ޕްލޭނެއް އެބައޮތެވެ. އިޖުތިމާޢީ ޕްލޭނެއް އެބައޮތެވެ. ތަޢުލީމީ އަދި ސިއްޙީ ޕްލޭނެއް އެބައޮތެވެ. ކުރިއަށް ވަޑައިގަންނަވާނެ ޗާޓެއް އެބައޮތެވެ.

"މޭޔަރު ކަމުގެ އެންމެ މުހިންމު ޝަރުތަކީ އިޚްލާޞް ތެރިކަމާ އެކު ރަށާއި ރަށުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުމެވެ. ރަށުގެ ޙާލަތާމެދު ވިސްނައި ފިކުރުކޮށް ކަންތައްތައް ރަނގަޅު ކުރެވޭނެ ގޮތްތައް ފަހި ކުރުމަށް މަސައްކަތް ކުރުމެވެ. އާންމު ފަރުދެއްގެ ޙައިސިއްޔަތުން މިއީ އަޅުގަނޑު އަބަދުވެސް ކުރަމުން އަންނަ ކަންތައްތަކެވެ. އަޅުގަނޑު ފުވައްމުލަކާ ދޭތެރޭ ގެންގުޅޭ ތަޞައްވުރަށް ޢަމަލީސިފަ ފުރިހަމައަށް ގެނައުމަށް އިތުރު ހައިސިއްޔަތެއް ބޭނުންވާ ކަމަށް ފެންނާތީ މޭޔަރުކަމަށް ކުރިމަތިލާން ނިންމީއެވެ." އިސްމާޢީލް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މޭޔަރަކަށް

އިސްމާޢީލް މޭޔަރު ކަމުގެ ބުރަ މަސައްކަތާ ދިމާއަށް މިސްރާބު ޖެއްސެވީ ރައްޔިތުންގެ ފަރާތުންނެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށްޓަކައެވެ. ރައްޔިތުންނަށްޓަކައި މޭޔަރުކަން ކޮށްދެއްވުމުގެ އަޒުމާ އެކުއެވެ.

ވޯޓު ދިނުމުގެ ކުރިން

އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ކުރިން ސިޓީއާ މެދު އެ ކެންޑިޑޭޓަކު ގެންގުޅުއްވާ ވިސްނުން ނުވަތަ ސިޔާސަތު ވަރަށް ރަނގަޅަށް އެނގެން ޖެހެއެވެ. އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ކުރިން އެކަންކަން ބެލުން ވަރަށް މުހިންމެވެ. އިސްމާޢީލް ވަނީ އޭނާގެ ވިސްނުމާއި ފިކުރާއި ސިޔާސަތުތައް ވަރަށް ރަނގަޅަށް ފުވައްމުލަކު ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. އިޤްތިޞދީގޮތުން ފުދުންތެރި، އެކުވެރި ރައްޔިތަކު އުޅޭ، އަމާން، ރީތި، އުފާވެރި ސިޓީއަކަށް ފުވައްމުލައް ހެދުމަކީ އޭނާގެ ވިސްނުމެވެ.

ފިކުރު ނުހިންގަވާ ދިމާއެއްނެތް

ފުވައްމުލަކު ތަރައްޤީއަށް އިސްމާޢީލްގެ ފިކުރު ނުހިންގަވާ ދިމާއެއް ނެތެވެ. ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމެވެ. އެކަމަށްޓަކައި ތަފާތު ޙަރަކާތްތައް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ. ސްކޫލްތަކަކީވެސް ތައުލީމުގެ އިތުރުން ދީނީ ތަރުބިއްޔަތު ދިނުމުގައިވެސް މުހިންމު ރޯލެއް އަދާކުރާ ތަނެއް ކަމުގައި ހައްދަވާނެއެވެ. މިސްކިތްތަކަކީ ހަމަ އެކަނި ނަމާދު ކުރާތަނެއްގެ ގޮތުގައި ނުބާއްވައި ދީނީ ހޭލުންތެރިކަމާއި ތަރުބިއްޔަތު ކުރުމުގައި އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ރޯލެއް އޮންނަ ތަނަކަށް ހައްދަވާނެއެވެ. މީގެ އިތުރު ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެއެވެ.

ތިމާވެށި

ފުވައްމުލަކަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށެކެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ އާދަކާދައެއް ތިމާވެއްޓާ ރަޙުމަތްތެރި ގޮތަކަށް ބައްޓަންވާން ޖެހޭ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އެންމެވެސް އެފަދަ އާދަތަކަށް ޢަމަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކަށް ވީހާވެސް އަވަހަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ވެސް އިސްމާޢީލް ވިދާޅުވިއެވެ. އޭގެ އިތުރުން ގަސްގަގާގެއްސާއި ކަނޑުގެ ދިރުންތަކުގެ މުހިންމުކަން އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ. ކުނި މެނޭޖު ކުރުމުގައި ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޞިއްޙަތު

އުފާވެރި ދިރިއުޅުމަކަށް ދުޅަހެޔޮ ޞިއްޙަތަކީ މުހިންމު ކަމެކެވެ. އެހެންކަމުން ޞިއްޙަތާ ރައްޓެހި ދިރިއުޅުމުގެ އާދަކާދަތަކާއި މެދު ހޭލުންތެރިކަން އިތުރު ކުރުމާއި ބޮޑެތި ބަލިތަކާއިގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓުމާއި ދުންފަތުގެ ދުމުން ރައްކާތެރި ވެފައިވާ ތަންތަނަށް ޕާކު ފަދަ ތަންތަން ވާންޖެހެއެވެ. އެކަންކަން ކުރައްވަން އިސްމާޢީލް ހުންނެވީ ތައްޔާރަށެވެ. އޭގެ އިތުރުން ކާއެއްޗެހި ތައްޔާރުކުރާ ތަންތަނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުމާއި މަސްތުވާތަކެތިން މުޖުތަމަޢަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ސަގާފަތާއި ތަރިކަ

ފުވައްމުލަކަކީ ރީތި ތާރީޚަކާއި ސަޤާފަތެއް އޮތް ރަށެކެވެ. ޢިލްމުވެރިކަމާއި، ފަޚުރުވެރި އަދަބިއްޔާތެއް އޮތް ރަށެކެވެ. އެހެންކަމުން އެއީ ތަރިކައެއް ކަމަށްބަލައި އެ ތަރިކަ ރައްކާތެރިކުރަން ޖެހެއެވެ. ސަގާފަތާއި ތަރިކައިގެ ސަބަބުން އިޤްތިޞާދީ ގޮތުންވެސް މަންފާ ލިބޭނެތީއެވެ. ދާރުލްއާސާރަކީ ތަރިކައާއި ސަޤާފަތް ރައްކާތެރިކުރުމުގެ މަސައްކަތުގައި މުހިންމު ތަނަކަށް ވެގެންދާނެއެވެ. ފުވައްމުލަކުން ހޯދައި ރަށުން ބޭރުކުރެވިފައިވާ އާސާރީ ތަކެތި އަނބުރާ ރަށަށް ގެނައުމަކީ މުހިންމު ކަމެކެވެ. އަދި ރަށުގައިހުރި އާސާރީތަންތަން އެތަންތަނުގެ އަސްލު ނުގެއްލޭނޭގޮތަށް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އިސްމާޢީލް ވިދާޅުވިއެވެ.

އާންމު އިޤްތިޞާ

ރަށަށް ވަންނަ އާމްދަނީ އިތުރުކޮށް މުހިންމުނޫން ޚަރަދު ކުޑަކުރުމަކީ އިޤްތިޞާދީ ގޮތުން ތަނަވަސް، ފުދުންތެރިރަށަކަށް ހަދަން ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށް އިސްމާޢީލް ދެކެވަޑައިގަންނަވައެވެ. އެހެން ކަމުން ރަށުން ބޭރުވާ ފައިސާ މަދުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެގޮތުން މީހުން ކުރާ ޚަރަދާއި ބެހޭ ސާވޭތައްކޮށް ގިނައިން ޚަރަދު ކުރާ ކަންކަން ރަށުން ލިބޭނޭ ނުވަތަ ވާނޭ ގޮތް ހަމަޖެއްސުމުގެ ވިސްނުން އިސްމާޢީލުގެ އެބަހުއްޓެވެ. މިއީ ރަށުގެ ވިޔަފާރިތަކަށް ވެސް ލިބޭނެ އިތުރު ކުރިއެރުމެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރަށުގެ އިޤްތިޞާދުގެ މައި ތަނބު ކަމަށް ދެކެވަޑައިގެން އެވިޔަފާރިތައް ދިރުވައި އާލާކުރަން އޭނާ މަސައްކަތް ކުރައްވާނެއެވެ. އެގޮތުން ކެޕިޓަލް ހޯދޭނޭގޮތްތައް ބަލާ އަދި ޓެކްނިކަލް އެހީ ދެވިގެންދާނެއެވެ. ރަށުގެ އުފެއްދުންތައް ދައްކާލުމާއި ވިއްކޭނެ ތަނެއް ހައްދަވައި ރަށުގެ ވިޔަފާރިތައް ކުރިއަރުވައި ކައިރި އަތޮޅުތަކަށް ފުޅާވުމަކީ ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދަން ކުރެވިދާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގައި އެހެން އަތޮޅުތަކާއި ރަށުކައުންސިލްތަކާއި މަޝްވަރާ ކޮށް މަގުފަހި ކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލް ހިންގުން

އިސްމާޢީލް ވިދާޅުވީ ރަށް ތަރައްޤީކޮށް ކުރިއަރުވަން ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން ކައުންސިލުން ރައްޔިތުންނާ ގިނަގިނައިން ބައްދަލު ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން މުހިންމު ކަމަށެވެ. މޭޔަރާއި ކައުންސިލަރުންނަކީ ރައްޔިތުން ގާތަށް ގޮސް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކުރާ ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވާރާ ހޯދުމުގައި އޮންލައިން ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުން ކުރައްވާނެ ކަމަށާއި އެއް ބޭނުމަކީ ރަށުން ބޭރުގައި އުޅޭފަރާތްތަކަށްވެސް ފަސޭހަކޮށް ދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކަކީ އެކި ރޮނގުރޮނގުން ގިނަ ތަޖްރިބާކާރުން އެރަށަކަށް ނިސްބަތްވާ ރަށެކެވެ. ރަށުގެ ތަރައްޤީއާއި ކުރިއެރުމުގެ ޕްލޭންތައް ހަދައި މަޝްވާރާ ކުރެވޭއިރު އެމީހުންގެ ބައިވެރިވުން ހޯދޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލްގެ ނިންމުންތައް ފެންނަގޮތަށް ބެހެއްޓުމަކީ ދެފުށް ފެންނަ ގޮތަށް ކައުންސިލް ހިންގެވުމަށް އަޅުއްވާނެ ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ ދަށުން ކައުންސިލްގެ އާމްދަނީއާއި ޚަރަދުގެ ތަފްސީލް އާންމުކޮށް ފެންނަ ގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމާއި ހިސާބު ބެލެހެއްޓުމުގައި ދުނިޔެ ގަބޫލުކުރާ މިންގަޑުތަކުގައި ހިފެހެއްޓުމާއި ކައުންސިލުން ނެރޭ ބީލަމާއި މަސައްކަތުގެ ފުރުޞަތުތައް އާންމު ކޮށް ފެންނަގޮތަށް އެއްތަނެއްގައި ޝާއިއު ކުރައްވާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އެގޮތުން މޭޔަރާއި ކައުންސިލަރުންގެ މާލީ ބަޔާން އާންމުކުރުމަށް ބާރު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދޅުވިއެވެ. މިފަދަ ކަންކަން އާންމުންނާ ހަމައަށް ތިލަކުރެއްވުމަށްޓަކައި މީޑިއާ ބައްދަލުވުންތައް ނުވަތަ ނޫސްވެރިންގެ ބައްދަލުވުންތައް ޤަވާޢިދުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޑިމޮކްރަސީއެއްގައި މޭޔަރަކު ކުރައްވާނެ އެންމެ މުހިންމު ކަންތައް ކަމަށް ބަލައިގަންނަން ޖެހެއެވެ.

އިސްމާޢީލްގެ ތަޞައްވުރަށް ބަލާއިރު އޭނާއަށް ވޯޓު ދޭންނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވޯޓު ދެއްވާށެވެ. މޭޔަރަކަށް އިންތިޚާބު ކުރައްވާށެވެ.