ލިޔުނީ: އަޒްހީން
ނިއުއިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން ވަނީ ނެނޯޕްލާސްޓިކްސް (ޕްލާސްޓިކުން އުފޭ ޒައްރާތައް) އާއި ހިތުގެ ސިއްހަތަށް ހުރި ނުރައްކާތަކާ ގުޅުން ހުރި ކަމަށް ބުނެފައެވެ.
ނެނޯ ޕްލާސްޓިކަކީ ކޮބާ؟
ޕްލާސްޓިކްސްއަކީ ޕްލާސްޓިކުގެ އުފެއްދުންތައް ނައްތާލުމުން ނުވަތަ ފަޅައިގެންދިއުމުގެ ސަބަބުން އުފެދޭ އަދި ޚާއްޞަކޮށް ކަނޑުގެ މާޙައުލެއްގައި ކުނި ނުވަތަ ތަޣައްޔަރުވުން އުފެދިފައިވާ ޕްލާސްޓިކްގެ އިންތިހާއަށް ކުދިކުދި ކޮތަޅުތައް ނުވަތަ ޒައްރާތެކެވެ.
ނިއުއިންގްލެންޑް ޖާނަލް އޮފް މެޑިސިންގެ ދިރާސާގައި ބުނީ ކީކޭ؟
ކެރޮޓިޑް އާޓަރީ ޓިޝޫތަކުގައި މައިކްރޯޕްލާސްޓިކް ނުވަތަ ނެނޯޕްލާސްޓިކް ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އެފަދަ ތަކެތި ހަށިގަނޑުގައި ނުވާ މީހުންނާ އަޅާބަލާއިރު ދެގުނައަށް އިތުރުވެއެވެ.
އިޓަލީގެ ނެޕްލްސްގެ ޔުނިވާސިޓީ އޮފް ކެމްޕާނިއާ ލުއިޖީ ވަންވިޓެލީގެ ރަފައެލް މާފެލާ ކުރިއަށް ގެންދިޔަ މި ދިރާސާގައި ވަނީ ޕްލާސްޓިކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. ޕްލާސްޓިކުން ގިނަ ގެއްލުންތަކެއް ލިބޭއިރު، އިންސާނާގެ ހަށިގަނޑުގައި ނެނޯޕްލާސްޓިކް ހުރުމަކީ ހިތުގެ ނުރައްކާތަކާއި އެހެނިހެން ސިއްހީ ނުރައްކާތަކާ މެދު ވަރަށް މުހިންމު ސުވާލުތަކެއް އުފެދޭ ކަމެކެވެ.
ޓިޝޫތަކާއި ގުނަވަންތަކުގެ ތެރެއަށް ވަދެދާނެ ނެނޯޕްލާސްޓިކްގެ ސަބަބުން ސެލިއުލާ ޕްރޮސެސްތަކަށް ހުރަސް އެޅި، ގެއްލުންހުރި ކެމިކަލްތައް ތައާރަފްވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ. ޕްލާސްޓިކްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ބަހުސްތައް ހިނގަމުން ދިޔަ ނަމަވެސް، ތަޖުރިބާކާރުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އެހެން މެޓީރިއަލްތައް އިޚްތިޔާރުކުރުމަށާއި، ކާބޯތަކެތީގެ ޕެކޭޖިންއާއި ބޭނުންކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހޯދައިގެން ނިންމުންތައް ނިނުމުމަށް ފަރުދުންނަށް ބާރުއަޅައެވެ.
މުޅި ދުނިޔޭގައި ވެސް އެކިއެކިި ބޭނުންތަކަށް ޕްލާސްޓިކް ފުޅާދާއިރާއެއްގައި ބޭނުން ކުރަމުން އަންނައިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަކީ އާންމު ސިއްހަތާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.