ޗެމްޕިއަންސް ލީގުގައި ޕޯޓޯ އަތުން އެގްރިގޭޓުން 1-1 އިން އެއްވަރުވެ ޖެހި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށް, 14 އަހަރަށްފަހު މުބާރާތުގެ ކުއާޓާއަށް އާސެނަލުން ދަތުރު ކޮށްފިއެވެ.

ރޭގައި ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގަށް އާސެނަލުން ނިކުތީ 2009-2010 ގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރުމުގެ އުއްމީދުގައެވެ. ޕޯޓޯއިން ރޭގެ މެޗަށް ނިކުތީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އާސެނަލް އަތުން 1-0 އިން މޮޅުވެގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގައި ލަނޑެއް ޖަހައި ލީޑު ނެގުމަށް އެތައް ފުރުސަތުތަކެއް ދެޓީމުން ވެސް ވަނީ އުފައްދާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލުން ޖަހާފައިވަނީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑެވެ. ޓްރޮސާޑުގެ ގޯލާއެކު މެޗު ނިމިގެންދިޔައީ އެގްރިގޭޓުން 1-1 އިން އެއްވަރުގެންނެވެ.

މެޗު އެއް ވަރުވެގެން ކުޅުނު އިތުރު ވަގުތުގައި ވެސް ދެޓީމަށް ވެސް ލަނޑެއް ނުޖެހުމުން މެޗު ވަނީ ޕެނަލްޓީއަށް ގޮސްފައެވެ. އާސެނަލްއިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 4-2 އިންނެވެ. ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރުމުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ.

މިލިބުނު މޮޅަށްފަހު ދެން އާސެނަލުން އެޓީމުގެ ސަމާލުކަން އަނބުރާލާނީ 31 މާރިޗުވާ ދުވަހު ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މުބާރާތަށް އަލްވަދާއުކި ޕޯޓޯ ދެން ނިކުންނާނީ ޕޯޗުގީޒް ލީގުގައި ވިޒެލާއާ ދެކޮޅަށެވެ.