ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަތުން 3-1 އިން މޮޅުވެ ބާސެލޯނާ މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބާސެލޯނާގެ ވަގުތީ ސްޓޭޑިއަމް ކަމުގައިވާ ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގަށް ދެޓީމުން ނިކުތީ ފުރަތަމަ ލެގުގައި 1-1 އިން އެއްވަރުވެ އޮވެގެންނެވެ.

މެޗު ފެށިގެން ބާސާގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ 15 މިނެޓުގައި އެޓީމުޖް ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބާސާގެ ޒުވާން މިޑްފީލްޑަރު ފާމީން ލޯޕޭޒެވެ. އޭގެ ދެމިނެޓު ފަހުން ޖައޯ ކެންސެލޯ ވަނީ ލަނޑެއް ޖަހައި ބާސާގެ ލީޑު ދެގޯލަށް އިތުރު ކޮށްދީފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ނަޕޯލީގެ ޑިފެންޑަރު އަމީރް ރަހްމާނީ ވަނީ ލަނޑެއް ޖަހައި ބާސާގެ ލީޑު އެއްގޯލަށް ކުޑަކޮށްފައެވެ. އަމީރްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ބާސާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރި ސްޓްރައިކާ ރޮބާޓް ލެވަންޑޮސްކީއެވެ. ލެވަންޑޮސްކީގެ ލަނޑާއެކު ބާސާ ވަނީ ފެންވަރުގައި މެޗު ނިންމާލާ މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ.

މިލިބުނު ކާމިޔާބީއާއެކު ބާސާ ދެން ނިކުންނާނީ ސްޕެނިޝް ލަލީގާގައި ވާދަވެރި އެޓްލެޓިކޯއާ ދެކޮޅަށެވެ. މުބާރާތުން ކެޓި ނަޕޯލީ އެޓީމުގެ ސަމާލުކަން އަނބުރާލާނީ އިޓާލިއަން ސެރިއާގައި ވަރުގަދަ އިންޓާ މިލާނާ ދެކޮޅަށް ނިކުންނަ މެޗަށެވެ.