ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ އަތުން 3-1 އިން ބާސާ މޮޅުވި މެޗުގައި, ޒުވާން ޑިފެންޑަރު ޕައު ކުބާސީ ދެއްކި މޮޅު ކުޅުމަށް އެޓީމުގެ ކޯޗު ޒަވީ ހާނަންޑޭޒް ތައުރީފު ކޮށްފިއެވެ.
ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗަށް ޒަވީ ވަނީ ކަބާސީއަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާ, އުމުރުން އެންމެ 17 އަހަރުގެ ކުބާސީ ވަނީ ހުނަރުވެރި ކުޅުމެއް ދައްކާ, މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވާޑު ހާސިލުކޮށްފައެވެ.
ޔޫރަޕުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ސްޓްރައިކަރު ކަމުގައިވާ ނަޕޯލީގެ ވިކްޓާ އޮސިމެންއާ ދެކޮޅަށް ކުޅެ ކަބާސީ ދެއްކި މޮޅު ކުޅުމަށް ބާސާގެ ކޯޗު ޒަވީ ހާނަންޑޭޒް ވަނީ ތައުރީފު ކޮށްފައެވެ.
"އެހާ ބޮޑު މެޗެއްގަ ވެސް ކުބާސީ ހާސްވާތަނެއް ނުފެނެ. އޭނާ ކުޅެނީ ވަރަށް ހަމަޖެހިލައިގެން. ވަރަށް ހިތްހަމަ ޖެހޭ އޭނާ ކުޅޭތަން ބަލަން" ކުބާސީއަށް ތައުރީފު ކުރަމުން ޒަވީ ބުންޏެވެ.
ރޭގެ މެޗުގައި ކުބާސީގެ އިތުރު ލަމީން ޔަމާލް ވެސް ވަނީ މެޗުގެ ފުރަތަމަ އޭގާރައިގައި ހިމެނިފައެވެ. އެއާއެކު ބާސާ ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގެ ފުރަތަމަ އެގާރައިގައި 17 އަހަރުނެ ދަށުގެ ދެކުޅުންތެރިން ހިމެނި ފުރަތަމަ ޓީމަށް ވެފައެވެ.