ލިޔުނީ: އަޒްހީން

ވާދަވެރި އޮޓޯމޯޓިވް ދާއިރާއަށް ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ޒިއައޯމީއިން އުފެއްދި ފުރަތަމަ އިލެކްޓްރިކް ކާރު މިމަހު ތައާރަފް ކުރަން ނިންމައިފިއެވެ.

ޗައިނާގެ 29 ސިޓީއެއްގައި ޒިއައޯމީގެ 59 ފިހާރަ ހުރިއިރު، އެމެރިކާގެ ވަރުގަދަ ޓެސްލާ ފަދަ ބްރޭންޑްތަކުގެ ވަރުގަދަ ވާދަވެރިކަމުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ކާރު މާކެޓަށް ވަދެ، އޯޑަރު ބަލައިގަންނަން ޒިއޯމީ އޮތީ ތައްޔާރަށް ކަމަށް އެކުންފުނިން ބުނެއެވެ. ޒިއޯމީގެ ސީއީއޯ ލެއި ޖުންެ ވިދާޅުވީ ކުންފުންނީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ކާރު އުފައްދާ އެންމެ މޮޅު ފަސް ކުންފުނީގެ ތެރޭގައި ހިމެނުން ކަމަށެވެ. ޒިއޯމީއިން އުފެއްދި ސްޕީޑް އަލްޓްރާ 7 (އެސްޔޫ7) ގައި ޒަމާނީ އިލެކްޓްރިކް މޮޓޯ ޓެކްނޮލޮޖީ ހުރެއެވެ. އަދި ޒިއޯމީގެ ޑިވައިސްތަކުގެ އިކޯސިސްޓަމާ އެކު މެދުކެނޑުމެއް ނެތި އިންޓަގްރޭޓް ވާނެ ކަމަށް ޒިއޯމީއިން ވަނީ ބުނެފައެވެ.

ލެއި އިތުރަށް ވިދާޅުވީ ޒިއައޯމީން ބާޒާރަށް ނެރެމަށް ތައްޔާރުވަމުން އަންނަ އިލެކްޓްރިކް ކާރު ވެގެންދާނީ މިހާރު ޓެސްލާއިން އުފައްދާފައިވާ ބައެއް ކާރުތަކަށްވުރެ ސްޕީޑް ބާރު ކާރަކަށެވެ.

ޒިއޯމީގެ އެސްޔޫ7 އުފައްދާނީ ޗައިނާ ސަރުކާރު ހިއްސާވާ "ބީއޭއައިސީ" ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏަކުން ކަމަށާއި، މި ޕްރޮޖެކްޓްގެ އަމާޒަކީ އަހަރަކު ދެ ލައްކަ ވެހިކަލް އުފެއްދުމެވެ. މި އިއުލާނާ އެކު ހޮންގްކޮންގްގައި ޒިއޯމީގެ ހިއްސާ 10 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކުންފުނީގެ އޮޓޯމޯޓިވް ވެންޗާއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުތަނުން ވަނީ ލިބިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޒިއައޯމީގެ އެސްޔޫ7 ވިއްކާ އަގު އެކުންފުނިން އިއުލާން ކުރާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.