ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިންޓާ މިލާނާ ކުޅުނު މެޗު އެގްރިގޭޓުން 2-2 އިން އެއްވަރުވެ ޖެހި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށް އެޓްލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އެޓްލެޓިކޯގެ ދަނޑު ކަމުގައިވާ ސިވިޓަސް މެޓްރޮޕޯލިއަން ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗަށް އިންޓާއިން ނިކުތީ ފުރަތަމަ ލެގުގައި 1-0 އިން އެޓްލެޓިކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އިންޓާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ, މެޗުގެ 33 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯއެވެ.

އިންޓާއަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ ދެމިނެޓަށެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެންޓުއަން ގްރީޒްމަން ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ. ގްރީޒްމަންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.

އެޓްލެޓިކޯއިން މެޗުގެ ނަތީޖާ އަނބުރާލީ މެޗު ނިމެން ތިންމިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 87 ވަނަ މިނެޓުގައި މެމްފިސް ޑިޕޭ ކާމިޔާބު ކުރި ލަނޑާއެކު ދެޓީމުން އެގްރިގޭޓުން 2-2 އިން އެއްވަރުވެ މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ.

އިތުރު ވަގުތުގައި ކުޅެވިގެންދިޔަ 30 މިނެޓުގައި ދެޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓްއަށް ގޮސްފައެވެ. އެޓްލެޓިކޯއިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންޓާގެ ތިން ކުޅުންތެރިޔަކަށް ވަނީ ޕެނަލްޓީ ކާމިޔާބު ނުކުރެވިފައެވެ.

މިލިބުނު ކާމިޔާބީއާއެކު އެޓްލެޓިކޯ ދެން ނިކުންނާނީ ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސާއާ ދެކޮޅަށެވެ. މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު އިންޓާ ދެން ކުޅޭނީ އިޓާލިއަން ސެރިއާގައި ނަޕޯލީއާ ދެކޮޅަށެވެ.