ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ޑޯޓްމަންޑުން މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގަށް ދެޓީމުން ނިކުތީ, ފުރަތަމަ ލެގުގައި 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ރޭގައި ކުޅުނު މެޗު އެޓީމުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ ތިން މިނެޓު ތެރޭގައި އެޓީމުން ވަނީ ލީޑު ނަގާފަައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭޑޮން ސަންޗޯއެވެ. ސަންޗޯގެ ގޯލާއެކު ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޕީއެސްވީ ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް އެތައް ފުރުސަތެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އާވިންގް ލޮޒާނޯ, ޕެނަލްޓީ އޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ ވަނީ ދަނޑިއަށް އަރާފައެވެ.
ގޯލެއް ޖެހުމަށް ޕީއެސްވީއިން ދެވަނަ ހާފުގައި އުފެއްދި ހުރިހާ ހަމަލާއެއް ޑޯޓްމަންޑުގެ ގޯލްކީޕަރު ގްރެގޯ ކޯބަލް ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ. ޕީއެސްވީއަށް މެޗުން ބަލި ގަބޫލު ކުރަން ޖެހުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ޑޯޓްމަންޑުގެ މާކޯ ރިއުސް ގޯލު ޖަހައި ޑޯޓްމަންޑުގެ ލީޑު ދެގޯލަށް ފުޅާ ކުރުމުންނެވެ. ރިއުސްގެ ގޯލާއެކު 3-1 ގެ އެގްރިގޭޓު ނަތީޖާއަކުން ޑޯޓްމަންޑު ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ.
މިލިބުނު މޮޅާއެކު ޑޯޓްމަންޑުން ދެން ނިކުންނާނީ ލީގުގައި ފްރޭންކްފާޓާ ދެކޮޅަށެވެ. މުބާރާތުން ކެޓި ޕީއެސްވީ ދެން ކުޅޭނީ ނެދަލޭންޑްސްގެ އެރްޑެވީސްގައި ޓްވެންޓޭއާ ދެކޮޅަށެވެ.