ކޮންކެފް ޗެމްޕިއަންސް ކަޕުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް އިންޓާ މިއާމީއިން މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
މިއަދު ކުޅުނު މެޗަކީ ކޮންކެފް ޗެމްޕިއަންސް ކަޕުގެ ދެވަނަ ބުރުގެ ދެވަނަ ލެގެވެ. މިއަދުގެ މެޗަށް ދެޓީމުން ނިކުތްއިރު ދެޓީމުން ވަނީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި 2-2 އިން އެއްވަރުވެފައެވެ
އިންޓާ މިއާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒެވެ. މެޗުގެ 23 ވަނަ މިނެޓުގައި އިންޓާ މިއާމީ ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ތަރި ލިއޮނަލް މެސީއެވެ. މެސީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން އިންޓާ މިއާމީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އިންޓާ މިއާމީ ވަނީ އެޓީމުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ރޮބާޓް ޓޭލާއެވެ. ނޭޝްވިލްއަށް މެޗުގައި ސުން ކަނޑާލެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޭމް ސަރިޖްއެވެ.
މުބާރާތުގެ ކުއާޓާގެ ފުރަތަމަ ލެގަށް އިންޓާ މިއާމީއިން ނިކުންނާނީ އޭޕްރީލް މަހުގެ ފެށޭ ކޮޅުގައެވެ. އެޓީމުން ކުއާޓާގައި ބައްދަލު ކުރާނެ ޓީމު ކަށަވަރުވާނީ މުބާރާތުގެ ދެވަނަ ބުރުގެ ހުރިހާ މެޗުތަކެއް ނިމުމުންނެވެ.