ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި 7 ދައުވެއް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ 7 ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އެމައްސަލަތައް ބެލުމަށް ކްރިމިނަލްކޯޓުގައި ތާވަލްކޮށްފިއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދަޢުވާއާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާ ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާ މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއެވެ.

އަލުންބަލާ މިދަޢުވާތަކުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:00އަށެވެ.

އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި 7 ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކުރީ މި ސެޕްޓެމްބަރުމަހުގެ 21ވަނަ ދުވަހުއެވެ.އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ.

ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ މިމައްސަލަޔަކީ އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅައި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ރިމާޑް ޖަލެއްގައި އަދީބު ބެހެއްޓުމަށް އަމުރުކޮށް، 7 ދައުވާ އަލުން ބެލުމަށް ހުމްކޮށްފައެވެ.