ބާސެލޯނާގެ އިކޮނޮމިކް ނައިބު ރައީސް އެޑުއާޑް ރޮމޭއޯ މަގާމުން އިސްތިއުފާ ދީފިއެވެ.
އިކޮނޮމިކް ނައިބު ރައީސްކަމުގެ މަގާމުން އެޑުއާޑް އިސްތިއުފާ ދިން ކަން ޔަގީންކޮށްދީ, ބާސާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ނެރިފައެވެ.
ބާސާއިން ނެރުނު ބަޔާނުގައި އެކްލަބުން ހާމަކުރާގޮތުގައި އެޑުއާޑް އިސްތިއުފާ ދިން ސަބަބަކަށް އޭނާ ބުނެފައިވަނީ އޭނާއަށް އެމަގާމު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭތީ ކަމުގައެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި އެޑުއާޑް އިސްތިއުފާ ދިނީ ބާސާއަށް ކުރިމަތި ވެފައިވާ ނިމުމެއް ނެތް ފަދަ މާލީ ދަތިތަކުގެ ސަބަބުންނެވެ.
އެޑުއާޑް އިސްތިއުފާ ދިން ކަމުގައިވިއަސް އެޑުއާޑްއާއެކު އެދާއިރާގައި މަސައްކަތް ކުރަމުން ދިޔަ އެހެން ބޭފުޅުން އެޑުއާޑްގެ މަސައްކަތްތައް ހުއްޓުނަ ނުދީ ކުރަމުންދާނެ ކަމުގެ ޔަގީންކަން ބާސާގެ ރައީސް ޖޯން ލަޕޯޓާ ވަނީ ދީފައެވެ.
"އެޑުއާޑްގެ މަސައްކަތްތައް އިކޮނޮމިކް ޓީމުން އަންނަނީ ފުރިހަމަކަމާއެކު ކުރަމުން. އިކޮނޮމިކް ދާއިރާއިން އެޑުއާޑް ވަނީ އަހަރެމެންނަށް ވަރަށް މުހިއްމު ދައުރެއް އަދާކޮށްދީފަ. އޭނާ އަހަރެމެނަށް ދިން އިރުޝާދުގެ ދަށުން އަހަރެމެން ކުރިޔަށް ދާނީ" އެޑުއާޑް އިސްތިއުފާ ދިނުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުންޏެވެ.
ބާސާއަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ހައްލު ކުރެވޭތޯ ލަޕޯޓާ އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް 1 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ދަރާފައި އޮތް ބާސާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ ލަފާ ކޮށްފައެވެ.