ސައުދީގެ އަލްނަސްރަށް ކުޅެމުން އަންނަ ސުޕާސްޓާރ ކްރިސްޓިއާނޯ ރޮނަލްޑޯ އެންމެ 58 މެޗު ތެރޭ އެޓީމަށް 50 ލަނޑު ޖަހައިދީފިއެވެ.
ރޮނަލްޑޯ އޭނާގެ 50 ވަނަ ލަނޑު ކާމިޔާބު ކުރީ ރޭގައި އަލްއަހްލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ރޮނަލްޑޯގެ ޕެނަލްޓީއާއެކު ފޯމު ކަޓާފައި އޮތް އަލްނަސްރަށް ވަނީ މުހިއްމު މޮޅެއް ލިބިގެން ގޮސްފައެވެ.
ރޮނަލްޑޯ އަލްނަސްރަށް ޖަހައިދިން 50 ލަނޑަކީ އޭނާ އެކްލަބަށް ގުޅުނު ފަހުން އަލްނަސްރުން ކުޅެފައިވާ ވަކިވަކި 5 މުބާރާތެއްގައި އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑުތަކެކެވެ. ރޮނަލްޑޯ ކާމިޔާބު ކޮށްފައިވާ 50 ލަނޑުގެ ތެރެއިން 36 ލަނޑު އޭނާ ޖަހާފައިވަނީ ސައުދީ ޕްރޯ ލީގުގައެވެ.
އަލްނަސްރުގެ ތާރީހުގައި އެންމެ ގިނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔަކީ މުހައްމަދް އަލްސަހްވަލީއެވެ. އޭނާ ވަނީ އަލްނަސްރަށް 257 މެޗު ކުޅެދީ 120 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާގެ ރެކޯޑު މުގުރާލުމަށް ރޮނަލްޑޯ އަދި 70 ލަނޑު ކާމިޔާބު ކުރަން ޖެހެއެވެ. ރޮނަލްޑޯ މިވަގުތު ޖަހާފައިވާ 50 ލަނޑާއެކު އޭނާއަކީ އަލްނަސްރަށް ހަތަރުވަނައަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ.