ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް އަދި ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލު ކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ކުއާޓާގައި އެންމެ ވާދަވެރި ކުއާޓާއަކަށް ފެނިގެންދާނީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ޓީމުކަމުގައިވާ ރެއާލް މެޑްރިޑާއި މިދިޔަ ފަހަރުގެ ޗެމްޕިއަންނުން ކަމުގައިވާ މެންޗެސްޓާ ސިޓީ ވާދަކުރާ ކުއާޓާ ފައިނަލެވެ. ޖަރުމަނުގެ ގަދަ ބާރު ކަމުގައިވާ ބަޔާން މިއުނިކް ކުއާޓާގައި ނިކުންނާނީ ފޯމުގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.

ސްޕެއިންގެ ގަދަ ބާރެއް ކަމުގައިގާ ބާސާ ނިކުންނާނީ ފްރާންސްގެ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށެވެ. ކުއާޓާއަށް ދަތުރުކުރި ޖަރުމަނުގެ ދެވަނަ ޓީމު ކަމުގައިވަ ބޮރޫސިއާ ޑޯޓްމަންޑް ނިކުންނާނީ ޔޫރަޕުގައި އަބަދު ވެސް މޮޅު ކުޅުމެއް ދައްކާ އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުގައެވެ. ކުއާޓާގެ ދެވަނަ ލެގަށް ޓީމުތަކުން ނިކުންނާނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހުއެވެ