ލިޔުނީ:އަޒްހީން

"ޖާމާ އޮންކޮލޮޖީ" ގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެންމެ އެއް މިނެޓާއި ދެ މިނެޓާ ދެމެދުގެ ބާރު ގަދަ ކަސްރަތަކުން ވެސް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

މި ދިރާސާގައި ޔޫކޭ ބަޔޯބޭންކްގެ 22،000 އަށް ވުރެ ގިނަ މީހުންގެ ޑޭޓާ ބަލާފައިވާއިރު، އެ މީހުންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތަކަށް އަލިއަޅުވާލާފައިވެއެވެ. ހައިރާންކުރުވަނިވި ގޮތެއްގައި އެންމެ 4 މިނެޓުގެ ހަަރުދަނާ ހަރަކާތައް ކުޑަ އުރުކޮޅެއް ގެތެރޭގައި ކުރުމުން، ބައިވެރިންގެ މެދުގައި ކެންސަރު ޖެހޭ ނިސްބަތް 30 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކުރެވުނެވެ.ހާއްސަކޮށް އާންމުކޮށް ހުސް ވަގުތުތަކުގައި ކަސްރަތު ކުރަން ދަތިވާ ފަރާތްތަކަށް މި ހޯދުންތައް ވަރަށް މުހިންމުއެވެ.

މިބާވަތުގެ ޙަރަކާތްތަކުގެ ތެރޭގައި ހިނގަން ދިޔުން، ސިޑިން އަރައި ފޭބުން، ނުވަތަ ގޭތެރޭގެ މަސައްކަތްތައް ވެސް ހިމެނެއެވެ. މި ދިރާސާއިން ކަސްރަތާއި ކެންސަރުގެ ނުރައްކާ ކުޑަކުރުމާ ދެމެދު ސީދާ ސަބަބެއް އޮތްކަން ސާބިތުނުވި ނަމަވެސް، ކާޑިއޯ ރެސްޕިރޭޓަރީ ފިޓްނަސް ރަނގަޅުވެ އިންފްލެމޭޝަން ދަށްކުރުމުން އެކަށީގެންވާ ގުޅުމެއް އޮތްކަމަށް މި ދިރާސާއިން ދައްކައެވެ. މިބާވަތުގެ ކަސްރަތުގެ ރީތިކަން އޮތީ އޭގެ އެކްސެސިބިލިޓީ އާއި ފްލެކްސިބިލިޓީގެ ތެރޭގައެވެ. ސްޓްރަކްޗަރޑް ޖިމް ސެޝަންތަކާ ޚިލާފަށް، މި ކުރު ހަރަކާތްތަކަށް ބޭނުންވަނީ ކުޑަ ވަގުތުކޮޅެކެވެ. މާލީ އިންވެސްޓްމަންޓެއް ބޭނުމެއްނުވެއެވެ.

ކޮލަމްބިއާ ޔުނިވާސިޓީ އިރްވިންގް މެޑިކަލް ސެންޓަރުގެ ޑރ ކީތު ޑިއާޒް ވަނީ ޑެއިލީ ރުޓީންގެ ތެރައަށް ކަސްރަތު ކުރުމަށް އަލިއަޅުއްވާލާފައެވެ. ގޭތެރޭގަ އާންމުކޮށް ކުރާކަންތައްތަކާއެކު ހުރިތާ ހުރެގެން ޖޮގިން ކުރުން ނުވަތަ ސްކޮޓްސް ނުވަތަ ޕުޝްއަޕްސް ހެދުން ފަދަ ކަސްރަތުތައް ވަނީ ހުށަހަޅުއްވާފައެވެ. ކަސްރަތު އާންމު ދިރިއުޅުމުގެ ރޫޓިންގެ ތެރެއަށް އެއްކޮށްލުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ސިއްޙީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ، ކެންސަރުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.