ވަކި ވަކި ވިޔަފާރިތަކަށްވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަމަށާއި ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައްޖެކަން ހާމަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅުކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވޭނެކަމުގެ އުންމީދުވެސް އައުކުރެއްވިއެވެ.