ކުރިއަށް އޮތް މަސްތަކުގައި ސޫދާނުގައި ދިރިއުޅޭ ފަސް މިލިޔަނަށް ވުރެގިނަ މީހުން ބަނޑުހައިހޫނުކަމުގެ ދަތިކަމާއި ކުރިމަތި ލާން ޖެހިދާނެ ކަމަށް އދގެ އެއިޑް ޗީފް މާޓިން ގްރިފިތްސް ވިދާޅުވެއްޖެއެވެ.

ގްރިފިތް ވިދާޅުވީ މިފަދަ ދަތިކަމަަކާއި ކުރިމަތި ލާންޖެހުމުގެ މައިގަނޑު ސަބަބަކީ އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ އަސަރުތައް ކަމަށެވެ. މީގެއިތުރުން ކާބޯތަކެތީގެ އަގުބޮޑުވުމާއި، ޓްރޭޑިން ފްލޯ އަށް އެރި ލޮޅުންތައް އަދި ބޮޑެތި އިންފްރާސްޓްރަކްޗާ ތަކަށް ލިބުނު ގެއްލުން ތަކަކީ ވެސް މި ބަނޑުހައިހޫނު ކަމާއި ކުރިމަތި ލާންޖެހޭނެ ސަބަބުތަށް ކަމަށެވެ.

އޭނާވިދާޅުވި ގޮތުގައި ހުޅަނގު އަދި މެދު ދަރްފަރުގައި ދިރިއުޅޭ މީހުން ބަނޑުހައިހޫނުކަމާއި ކުރިމަތި ލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މިކަން ހުއްޓުވުމުގައި މައިގަނޑު ރޯލެއް އަދާ ކުރާނީ ޗެޑް އިން ދަރްފަރަށް ބޯޑަރު ހުރަސްކޮށް ދެވޭ އެހީއެވެ.

ގްރިފިތް ވިދާޅުވި ގޮތުގައި މިހާރުވެސް 730،000 އަށް ވުރެގިން މީހުން ސޫދާނުގައި ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ. މީގެތެރެއިން 240،000 ކުދިންނަކީ ދަރްފަރަށް ނިސްބަތްވާ ކުދިންނެވެ.

(މައުލޫމާތު: ރޮއިޓާސް)