ހިންނަވަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ނޫރާނީމަގުގައި ޕޭވިންގ ގެ މަސައްކަތްތަކާއި ކޭބަލް ޖަންކްޝަން ތަކުގެ ބޯޑަރު އެޅުމުގެ މަސައްކަތް ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އާރްޑީސީން އިތުރަށް ބުނީ އެރަށުގެ ދޫރިޔާ މަގުގެ ޑިވައިޑަރ ތައް ނެގުމުގެ މަސައްކަތުގެ އިތުރުން ސައިޓުގައި ކާރބްސް ސްޓޯން އެޅުމާއި އަދި ސްޓޯރމް ވޯޓަރ ޓޭންކްތަކުގެ މަތިތައް އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން މި މަޝްރޫއުގެ މަސައްކަތްތަކަށް މިވަގުތު ވަނީ ކުޑަ ބަދަލެއް ގެނެވިފައި ކަމަށާއި މީގެ ކުރިން ދުވާލު ގަޑީގައި މަސައްކަތް ކުރަމުން އައިނަމަވެސް ރަމަޟާން މަސް ފެށުމާއެކު މަސައްކަތް ކުރާ ވަގުތު މިހާރު ވަނީ ރޭގަނޑަށްވަނީ ބަދަލުކުރެވިފާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެހެންނަމަވެސް ރޭވިފައިވާ ޝެޑިއުލް އާއި އެއްގޮތަށް މަޝްރޫއުގެ މަސައްކަތްތައް ހިނގަމުން ދާ ކަމަށްވެސް އާރްޑީސީން ވަނީ ބުނެފައެވެ.