ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އެއަރޕޯޓްގައި ބިނާރާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު ސޮއިކޮށްފިއެވެ.

އާރްޑީސީން ބުނީ މި އެމް.އޯ.ޔޫގެ ދަށުން އެއަރޕޯޓްގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުން ހިމެނޭ ކަމަށެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތަކުގެ ރެނދުލާފައިވާ ތަންތަން ރަނގަޅުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުން ހިމެނޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެއިތުރުން އާރްޑީސީން ބުނީ މަގުމަތީގެ ސަރަހައްދުތަކާއި، ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ސާފުކުރުމުގެ އިތުރުން އެމް.އޭ.ސީ.އެލް އިން އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އާންމު ތަންތަނާއި، ސައިޑްވޯކްތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުން ހިމެނޭކަމަށެވެ.

އަދި ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ކުންޏާއި އަދި އެހެނިހެން ކުނި ނައްތާލުންވެސް އެމް.އޯ.ޔޫގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.