އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށް, ސެމީ ފައިނަލުގެ ޖާގަ ޗެލްސީއިން ކަށަވަރުކޮށްފިއެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މެޗު ޗެލްސީއިން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކް ކުކުރެއްލާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ރަހީމް ސްޓާލިންގްއަށް ވަނީ އެޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ޗެލްސީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާ ކުރީ މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯލް ޕާމާއެވެ. ޕާމާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ޗެލްސީ ކޮޅަށް ނަތީޖާ ބުރަވެގެންނެވެ.

ދެވަނަ ހާފުގައި ލެސްޓާ ސިޓީ ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 51 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. މިލަނޑަކީ ޗެލްސީގެ ޑިފެންޑަރު އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލެސްޓާ ސިޓީގެ ސްޓެފީ މަވިޑިޑީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި ވަރުގަދަ ޗެލްސީ ކައިރީ ވާދަވެރި ކުޅުމެއް ދައްކަމުން ދިޔަ ލެސްޓާއާ ދެކޮޅަށް މެޗުގެ އޮއިވަރު އެނބުރުނީ މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ޑިފެންޑަރު ކެލަމް ޑޮއިލްއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ޑޮއިލްއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީ 20 މިނެޓު ލެސްޓާ ސިޓީއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ލެސްޓާ ސިޓީގެ ޑިފެންސް ފޫއަޅުވާލައި ޗެލްސީއަށް މެޗުގެ ލީޑު ނެގުނީ, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކާނީ ޗުކުވެމެކާއެވެ. އޭގެ ހަ މިނެޓު ފަހުން ނޯނީ މަޑުއޭކޭ ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދީ އެޓީމަށް ސެމީގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ސެމީގައި ޗެލްސީ ނިކުންނާނީ ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.