ސްޕެނިޝް ލަލީގާގައި ރޭ އެޓްލެޓިކޯ މެޑްރިޑް އަތުން 3-0 އިން މޮޅުވެ ބާސާލޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އެޓެލެޓިކޯގެ މެޓްރޮޕޯލިއަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ބާސާއިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ, އެޓްލެޓިކޯއިން ބާސާއަށް ލޯނަކަށް ދޫކުރި ޖައޯ ފީލިކްސްއެވެ. ފީލިކްސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ބާސާ ކުރީގައި އޮވެގެންނެވެ.
ބާސާއިން ދެވަނަ ހާފު ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ރޮބާޓް ލެވަންޑޮސްކީ ވަނީ ލަނޑު ޖަހާ ބާސާގެ ލީޑު ދެގޯލަށް އިތުރު ކޮށްދީފައެވެ. ބާސާގެ ފަހު ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފާމިން ލޯޕޭޒެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ރެފްރީ ވަނީ އެޓްލެޓިކޯގެ ނަހުއެލް މޮލީނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު ބަލިވަމުންދިޔަ އެޓްލެޓިކޯއަށް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުން މޮޅުވުމާއެކު ބާސާ ވަނީ ޖިރޯނާ ފަހާލައި ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ބާސާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ. ތިންވަނައަށް ވެއްޓުނު ޖިރޯނާއަށް ލިބިފައިވަނީ ކުޅުނު 29 މެޗުން 62 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ބާސާގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި އެޓްލެޓިކޯ އޮތީ, ކުޅުނު 29 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.