އޮކްޓޫބަރު 7ގެ ފަހުން ފަލްސްތީނުގެ ޣައްޒާގައި 13،000 އަށް ވުރެގިނަ ކުޑަކުދިން ޝަހީދުވެއްޖެ ކަމަށް އދ ގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ފަންޑުގެ އެކްސެގެޓިވް ޑިރެކްޓަރ ކެތެރިން ރަސެލް ވިދާޅުވެއްޖެއެވެ.

ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކެތެރިން ވިދާޅުވީ 13،000 އަށް ވުރެގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ. އަދި ޝަހީދުވި ކުދިންގެ އިތުރުން ބޮޑެތި ޒަހަމް ތަކާއި އެކު ދިރިއުޅެން ޖެހިފައިވާ އެތައް ހާސް ކުދިންވެސް އެބަ ތިބި ކަމަށެވެ. މީގެއިތުރުން ފުޑުފުޑުވެފައިވާ އިމާރަތް ތަކުގެ ދަށުގައި ތާށިވެފައިވާ ކުދިންނާއި، ގޮތްނޭނގި ގެއްލިފައި ވާ ކުދިންވެސް އެބަ ތިިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓުބަރު 7ގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި 31،700 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 73،000 އަށް ވުރެގިން މީހުން ޒަހަމް ވެފައިވާ އިރު، މީގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.