އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ސުޕާސްޓާރ ލިއޮނަލް މެސީ, އާޖެންޓީނާގެ ގައުމީ ޓީމުގެ ސްކޮޑުގައި ނުހިމަނަން އެޓީމުން ނިންމައިފިއެވެ.

ކުރިއަށް އޮތް އެކުވެރިކަމުގެ މެޗަށް އާޖެންޓީނާއިން ނެގި ސްކޮޑުގައި ޓީމުގެ ކެޕްޓަން ކަމުގައިވާ މެސީ ނުހިމަނަން ނިންމި ނިންމުން އެޓީމުން އާއްމުކުރީ "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.

އާޖެންޓީނާއިން އާއްމު ކުރި ޕޯސްޓްގައި އެޓީމުން ހާމަ ކުރާ ގޮތުގައި މެސީ ސްކޮޑުގައި ނުހިމެނީ އޭނާގެ ކަނާތު ފައިފަލަމަސްގަނޑަށް ދިމާވެފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެއިންޖަރީ ސީރިއަސް ނޫންކަމުގައިވިއަސް މެސީއަށް އަރާމުކުރަން ވަގުތުދިނުމުގެ ގޮތުން އޭނާ ސްކޮޑުގައި ނުހިމަނަން އާޖެންޓީނާގެ ގައުމީ ޓީމުން ވަނީ ނިންމާފައެވެ.

ސްކޮޑުގައި ނުހިމެނުމާއެކު މެސީއަށް, އާޖެންޓީނާ އެލްސަލްވަޑާއޯއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ކޯސްޓާ ރީކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ.