ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އިންތިހާބުތަކާއި ގުޅިގެން ބެނާ ނުވަތަ ކެންވަސް ހަރުކުރާކަމަށް ހުއްދަ ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެދިއްޖެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުފައިވާ ނޫސްބަޔާނެއްގައި ބުނީ، އާއްމު އިންތިހާބުތަކާ ގުޅިގެން ކެމްޕޭނު ބެނާ އާއި ކެންވަސް ހަރުކުރުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކެމްޕޭނު ކުރުމަށް ހުޅުމާލެ ފޭސްއެކެއް އަދި ދޭއްގެ އެކި ސަރަހައްދުތަކުގައި ހަރުކުރަމުންދާ ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވީސް ޕްރޮވައިޑާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދޭން އެދޭ ކަމަށެވެ.
އަދި ޕޯސްޓަރުތަކާއި ކެމްޕޭނު ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓު ކޭބަލް އާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބި، ހިދުމަތް މެދު ކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށާއި ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން ހުއްދަ ހޯދައި ކޯޕަރޭޝަންގެ ލަފާއާއި އިރުޝާދާ އެކު ކުރިއަށް ގެންދިޔުމަށް އެ އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފެއެވެ.
އަދި ކެމްޕެއިން ކުރާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.