ޖަރުމަނު ވިލާތުގެ އަންހެނެއް ކަމަށްވާ މަރިޔަމް (ކުރިން މާޓިނާ އޮބާހޯލްޒްނާ) އިސްލާމްވުމަށް ފަހު ދުބާއީގައި މިހާރު ދަނީ އޭނާގެ ފުރަތަމަ ރަމަޟާން މަސް ހޭދަކުރަމުންނެވެ. މާކެޓިން އެގްޒެކެޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 26 އަހަރުގެ މަރިޔަމް ބުނާ ގޮތުން އިސްލާމް ދީނުގެ އަގީދާގެ ސަބަބުން އޭނާއަށް ލިބޭ ހިތްހަމެހުން ވަރަށް ބޮޑެވެ.
މަރިޔަމް އިސްލާމްދީނަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ޅަ އުމުރުގައި އުފަން ސިޓީ މިއުނިކްގެ މިސްކިތަކަށް ކުރި ޒިޔާރަތެއްގައެވެ. އޯގާތެރި އަދި އެހީވާ މުސްލިމް ރަހުމަތްތެރިން ވަށައިގެން އުޅެންފެށުމުން އޭނާ އިސްލާމްދީނަށް އޮތް ޝައުގުވެރިކަން އިތުރުވަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މަރިޔަމް އަށް ފެނުނީ މުސްލިމް ރަހުމަތްތެރިންނާއި ދަންނަ މީހުންގެ ވަށައިގެން އިތުރުވަމުން ދިޔަ މަންޒަރެވެ. "އެމީހުންނާ މެދު އަޅުގަނޑަށް އެންމެ ބޮޑަށް އަސަރުކުރި ކަމަކީ އެމީހުންނަކީ އަބަދުވެސް އެންމެ އޯގާތެރި، އެންމެ ރަހުމަތްތެރި އަދި އެންމެ އެހީތެރި މީހުން، އެއީ އަހަރެން އިސްލާމްވި މައިގަނޑު އެއް ސަބަބު" މަރްޔަމް ބުންޏެވެ.
މަރިޔަމް 2022 ވަނަ އަހަރު ދުބާއީއަށް ކުރި ޒިޔާރަތަކުން އެ ސިޓީގައި ދިރިއުޅުމުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. އަދި ޖެހިގެން އައި 2023 ދުބާއީއީން ވަޒީފާގެ ފުރުސަތު ލިބުމުން އޭނާގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔަ އެވެ. އެކަމަކު ވަޒީފާ ލިބުނު ކުންފުނިން އޭނާ މަރްޔަމް އުއްމީދު ކުރިވަރާ ކައިރިއަށްވެސް ކަންކަން ނުކޮށްދެވުމުން އޭނާ މާޔޫސްކުރުވިއެވެ.
"އެ ދުވަސްވަރު އަހަރެން އުޅުނީ ބިޒްނަސް ބޭގައި، އަހަރެންގެ އެޕާޓްމަންޓުން ރީތިކޮށް މިސްކިތް ފެނޭ. މުއައްޒިން ނަމާދަށް ގޮވާލާ އަޑު ވައިގެ ތެރެއިން ގުގުމާލާ ކޮންމެ ފަހަރަކު އަހަރެން ބެލްކަންޏަށް ނިކުންނަން ހިތް މަޖުބޫރުކުރުވާ. ބަންގީގެ ހަމަހިމޭން އަޑުގެ އަސަރުން އަޅުގަނޑަށް ފުން އަސަރުތަކެއް ކުރުވި" މަރްޔަމް ބުންޏެވެ.
އެހިސާބުން މަރިޔަމް އަޒުމް ކަނޑައެޅީ އިސްލާމްދީން ފުންކޮށް ދެނެގަތުމަށެވެ. "ރައްޓެއްސެއްގެ ގާތަށް ގޮސް ގުރުއާނުގެ ޖަރުމަނު ތަރުޖަމާއަކަށް އެދުނީ" އިސްލާމްދީނުގެ ނޫރުގެ އަލިކަން ހޯދުމަށް ކުރި ދަތުރުގެ ވާހަކަ ދުބާއީގެ "ޚަލީޖް ޓައިމްސް" އަށް ކިޔައި ދެމުން މަރްޔަމް ބުންޏެވެ.
އަދިހަމަ 2023 ވަނަ އަހަރުގެ މެދުތެރޭގައި މަރިޔަމް އިންޑޮނީޝިއާގެ ބާލީގައި ހޭދަކުރި ޗުއްޓީގައި، ހީވެސް ނުކުރާ ފަދަ ގޮތަކަށް އިސްލާމީ ސަގާފަތުގެ ތެރެއަށް އޭނާ ގެނބިގެން ދިޔަ ކަމަށް ބުންޏެވެ.
ބާލީގައި ހޭދަކުރި ޗުއްޓީ ނިންމާލުމަށްފަހު މަރްޔަމް އާއިލާގެ ކައިރިއަށް އެނބުރި ޖަރުމަނަށް ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެކަމަކު އޭރުވެސް އޭނާގެ ހިތް އޮތީ ދުބާއީއިން ވަޒީފާއެއް ހޯދައިގެން އެތަނުގައި ދިރިއުޅުމަށެވެ. އޭނާގެ ހުވަފެން ގަޤީތަކަށްވީ ދުބާއީއިން އޮކްޓޫބަރު މަހު ވަޒީފާއެއް ހަމަޖެހި އަލުން ދުބާއީއަށް ބަދަލު ވެވޭނެ ގޮތް ވުމުންނެވެ.
މަރްޔަމް ޤުރުޢާން ކިޔަވަން ފެށީ މިދަތުރަށްފަހުއެވެ.
"ފުރަތަމަ ފަހަރަށް ޤުރުއާން ކިޔަވަން ފެށުމުން ބަޔާން ކުރަންދަތި އިހުސާސްތަކެއް ކުރެވުނީ. އެންމެ 50 ސަފުހާ ކިޔާލުމުންވެސް އިސްލާމް ދީން ޤަބޫލުކުރަން ބޭނުންވާކަން ހިތުގެ އަޑިން ޤަބޫލް ކުރެވުނު" މަރްޔަމް ކިޔައިދިނެވެ.
މަރްޔަމް ޝަހާދަތުގެ މާތް ދެކަލިމަ ކިޔައި އިސްލާމްވީ ހުކުރު ދުވަހެއްގައެވެ. މަރްޔަމް ބުނިގޮތުން އެއީ އޭނާގެ ވަށައިގެންތިބި މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލި ދުވަހަކެވެ.
މިހާރު މަރިޔަމްގެ ސަމާލުކަން ހުރީ އިސްލާމް ދީނާ މެދު ވިސްނުން އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހުގެ ރޫޓިން ގާއިމުކުރުމަށެވެ. "ސުހޫރަށް ހޭލައިގެން އަހަރެންގެ ޖޭވީސީ އެޕާޓްމެންޓުގައި އެކަނި ހާރުކަނީ. އަޅުގަނޑުގެ ހާރުކަނީ އާންމުގޮތެއްގައި ދޮންކެޔޮ ނުވަތަ ޔޯގަޓް: ފަތިހު 4 ޖަހާއިރު ޗިކަން ބިރިޔާނީ ކާން އަޅުގަނޑަށް އުނދަގޫ" މަރްޔަމް އޭނާ ހާރުކެއުމާ ގުޅޭ ގޮތުން ބުންޏެވެ.
މަރިޔަމް މިހާރު ސަމާލުކަން ދެނީ އޭނާގެ އީމާންކަން އިތުރަށް ހަރުދަނާކޮށް ރަމަޟާން މަހުގެ އާދަތައް ގާއިމުކުރުމަށެވެ. ރޯދަ ހިފުމުގައި މަރިޔަމް ބާރުއަޅުއްވަނީ މި ބަރަކާތްތެރި މައްސަރުގެ ރޫޙާނީ މުހިންމުކަމެވެ. ރަމަޟާން މަހަކީ ކެތްތެރިކަމާއި ޝުކުރުވެރިކަމާއި މުޖުތަމައުގެ ގުޅުންބަދަހިކުރަން އޮތް ދުވަސްވަރެއްގެ ގޮތުގައި އޭނާ ދެކެއެވެ.
ލިންކްޑްއިންގައި ކުރި ޕޯސްޓެއްގައި މަރިޔަމް ބުނީ ދުބާއީގައި މުސްލިމެއްގެ ގޮތުގައި ފުރަތަމަ ރަމަޟާން މަސް ދުބާއީގައި ތަޖުރިބާކުރުމުން ދަނީ ވަރަށް އުފާވެރިކޮށް ކަމަށެވެ. އަދި ރަމަޟާން މަހު ލިބިފައި މިވާ ފުރުސަތަކީ އިސްލާމް ދީނުގެ އުސޫލުތައް ހަށިގަނޑުގައި ހަރުލެއްވުމަށް ލިބިފައިވާ އަގުނުކުރެވޭފަދަ ފުރުސަތެއް ކަމަށް ޤަބޫލް ކުރާ ކަމަށެވެ.
"ރަމަޟާން މަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުން ނޫން. އެކަމަކު އެއީ ކެތްތެރިކަމާއި ޝުކުރުވެރިކަމާއި މުޖުތަމައަށް ރިވެތި ދީނުގެ ރީތި އާދަކާދަތައް ދޫކުރުމުގެ މަސް. ބަރަކާތްތެރި މިމަހު އަޅުގަނޑުމެން މަސައްކަތް ކުރަންވީ ފަރުދީ ގޮތުންނާއި ޕްރޮފެޝަނަލީ ގޮތުންވެސް އަޅުގަނޑުމެން ނަފްސުގެ އެންމެ މޮޅު ވާޝަން ނެރުމަށް" އިންޓަވިއު ނިންމާލަމުން މަރްޔަމް ބުންޏެވެ.