ލިޔުނީ: އަޒްހީން

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުންޏެއް ކަމަށްވާ އެންވީޑިއާއިން އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް، ބީ200 "ބްލެކްވެލް" ތައާރަފްކޮށްފިއެވެ.

80 ޕަސެންޓް މާކެޓް ހިއްސާއާއެކު އެންވީޑިއާގެ އަމާޒަކީ އޭއައި ޗިޕް މާކެޓުގައި އެ ކުންފުނީގެ މަގާމު ވަރުގަދަ ކުރުމެވެ.

އެ ކުންފުނީގެ އަހަރީ ޑިވެލޮޕަރު ކޮންފަރެންސްގައި ސީއީއޯ ޖެންސެން ހުއާންގް ވަނީ އާ ޗިޕްގެ އިތުރުން އޭއައިގެ ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި ސޮފްޓްވެއާ ޓޫލްސްގެ ސުއިޓެއް ވެސް ދައްކާލަފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންވީޑިއާގެ ހިއްސާގެ އަގު 240 އިންސައްތަ އިތުރުވެފައެވެ. އެމެޒޯން، ގޫގުލް އަދި މައިކްރޮސޮފްޓް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތާއި އޭއައި އޮފާތަކުގައި އެންވީޑިއާގެ އާ ޗިޕްގެ ބޭނުން ހިފާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން އެންވީޑިއާ އިން ވަނީ ޗައިނާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތައް ކަމަށްވާ ބީވައިޑީ އާއި އެކްސްޕެންގްއަށް ޗެޓްބޮޓް ފަންކްޝަނަލިޓީ ހިމަނައިގެން އޮޓޯމޯބައިލްސް އަށް ހާއްސަ ޗިޕްސްގެ އާ ލައިންއެއް އިއުލާނުކޮށްފައެވެ. އޭއެމްޑީ އާއި އިންޓެލް ފަދަ ކުންފުނިތަކުގެ ވާދަވެރިކަން އޮތް ނަމަވެސް، އޭއައި ޓެކްނޮލޮޖީއަށް އެންވީޑިއާއިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބަުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކް ލޭންޑްސްކޭޕްގައި އެކުންފުނި ވަމުން އަންނަނީ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ.