ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް މަޤާމުތަކަށް މުވައްޒަފުން ނެގޭގޮތަށް ސިވިލްސާވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ.

ސިވިލްސާވިސް ކޮމިޝަނުން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ކައުންސިލްތަކަށް ދަންނަވާފައިވާކަމަށެވެ.

މުވައްޒަފުން ނެގުން މަޑުޖައްސާލާފައި ވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހައިބްރިޑް މޮޑެލްއަށް ބަދަލުކުރުމާ ގުޅޭ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ސީއެސްސީ އާއި ގުޅިގެން ކުރިއަށްގެންދިއުމަށެވެ.