ރަމަޟާން މަހަށް ހާއްސަކޮށްގެން، ''ސެލް ޤުރުއާން ޗެލެންޖް 1445'' ނަމުގައި ބާއްވަން ހަމަޖެހިފައިވާ އިންޓަރ ހައުސް ގުރުއާން މުބާރާތުގެ އެންމެފަހު ދަންފަޅީގެ ކިޔެވުން މިއަދު ހެނދުނު ކުރިއަށް ދާނެކަމަށް އެ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިން ބުނެފިއެވެ.

މ. މުލަކު ސުކޫލުގެ އިބްރާހިމް ރަފީއު މާލަމުގައި މި މުބާރާތް ފަށާއިފައިވަނީ މިމަހު 21 ވަނަ ދުވަހުގެ ރެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތާ ގުޅިގެން ''ހަލިނިއުސް'' އަށް މައުލީމާތު ދެއްވަމުން ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިވެންޓް ކޯޑިނޭޓަރ ޝާމިލް މުހައްމަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރޭޔާ ހަމަޔަށް 5 ދަންފަޅި ނިމިފައިވާ ކަމަށެވެ. އަދި އަދާހަމައަށް ދެ ގޮފިން 130 ބަރިވެެރިން ވަނީ މި މުބާރާތުގައި ކިޔަވާފައިވާކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

މުލަކު ސުކޫލުގެ ދަރިވަރުންނާއި މުލަކުގައި ދިރިއުޅެމުންގެންދާ 18 އަހަރުން މަތީގެ އެއްވެސް ސުކޫލް މަދަރުސާއަކަށް ނިސްބަތްނުވާ ފަރާތްތަކަށްކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މި މުބާރާތަކީ ސެލްއާއި، މުލަކު ސްކޫލުގެ އިސްލާމީ ނޫރާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މީގެއިތުރުން މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ 3 ބޭފުޅުންނެވެ. އެއީ ގައުމީ އަދި އަތޮޅުފެންވަރުގެ ޤްރުއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރުމުގެ ތަޖުރިބާއާއި ޤުރުއާން އުނގަންނައި ދިނުމުގެ ދާއިރާއަށް 14 އަހަރު ހިދުމަތްކޮށްފައިވާ ބ. ހިތާދޫ /ސުވާސާ އިސްފަނޑިޔާރު އަލްގާރީ މުހައްމަދު އަބްދުލް ހަމީދާއި މުޅިރާއްޖެއަށް ހުޅުވައިލައިގެން ބޭއްވުނު ރަންތާޖު ޤުރުއާން މުބާރާތުން 10 ވަނަ އާއި ''އެންމެ އަލިގަދަ ތަރި 2017'' އިން 7 ވަނަ ހާސިލްކޮށްފައިވާ މ. މުލައް/ ބަހާރީވިލާ، ފަނޑިޔާރު އާމިލާ މުހައްމަދާ އަދި ބެޗްލާރސް އިން ޓީޗިންގ ޤުރުއާނާއި މާރސްޓަރ އިން ޓީޗިންގ އެންޑް ލާރނިންގ ހާސިލްކޮށްފައިވާމ. މުލައް/ ނޫކޮކާގެ ފަނޑިޔާރު ޝައުޝަން އިބްރާހީމްއެވެ.

ސެލް ޤުރުއާން ޗެލެންޖް 1445 މިއަދު ނިމިގެންދާއިރު، މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މާޗް 29 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.