ހެލްތު މިނިސްޓަރުގެ މަޤާމުން ޑރ. ޢަބްދުﷲ ޚަލީލް އިސްތިއުފާ ދެއްވައިފި ކަމަށް މިރޭ ބައެއް މީޑިޔާތަކުން ފެތުރި ޚަބަރު އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

"ހަލި ނިއުސް" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވި ކަމަށް ޚަބަރު ފަތުރަނީ ވާދަވެރި އެމްޑީޕީއިން ކަމަށެވެ.

"އެމްޑީޕީއިން ފަތުރާނެ ބުހުތާނު ދޮގު ވާހަކަ. އަޅުގަނޑު މިވަގުތުވެސް މިހުރީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް އަދި ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ލ.އަތޮޅުގައި" މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންދަނީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އެކިފަންތީގެ ބޭފުޅުން ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ރައީސުލް ޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ކޯލިޝަނުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ މާލޭގައި ޓޯޑުޓޯ ކެމްޕެއިން ފައްޓަވައި ކެމްޕެއިން ކުރައްވަމުންނެވެ.