ކަންތައްތަކާ ދޭތެރޭ ހެޔޮވިސްނުން ނުވަތަ" ޕޮސިޓިވް ތިންކިންގް" ގެންގުޅުމަކީ، އިންސާނީ ދިރިއުޅުމުގައި ވަރަށް މުހިއްމުކަމެކެވެ. ދިރިއުޅުމުގެ ތަފާތު އެތަކެއް މަރުހަލާތަކެއް، ކަޑައްތުކުރަންޖެހި، ތަފާތު އެތަކެއް ކަންތައްތަކާއި، ކުރިމަތިލާންޖެހޭކަމީ ޤަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދުނިޔެ ދެމިއޮތްހާދުވަހަކު މިއީ ބަދަލުނުވާނެ ހަގީގަތެއްކެވެ. ތިމާގެ ހިތް ގަބޫލު ކުރާކަންތަކާއި، ހިތް ގަބޫލުނުކުރާ ކަންތައްތަކެވެ. ޖޮތްހަމަޖެހޭ ކަންތަކާއި، ހިތްހަމަ ނުޖެހޭކަންތަކެވެ. އަޑުއަހަން ބޭނުންވާ އަޑު ތަކާއި، އަޑުއަހަން ބޭނުން ނުވާ އަޑުތަކެވެ. ދެކެން ބޭނުންވާ ކަންތަކާއި، ދެކެން ބޭނުން ނުވާކަންތަކެވެ. މިއީ މިކަންތައް އޮތް ގޮތެވެ. ގުދުރަތީ ޤާނޫނެވެ. މިކަމުގައި އެއްވެސް މީހަކަށް ކުރެވޭނެ އަދި ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

ދުނިޔެވީ ހަޔާތުގައި ދިމާވާ ކަންކަމާމެދު އަބަދުވެސް ވިސްނާ ފިކުރު ކުރަންޖެހެއެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. އަދި އެންމެން ކުރަންބޭނުންވާ ކުރަމުންދާ ކަމެކެވެ. އެއީ ދިރިއުޅުން ބިނާކުރުމާއި، އަމިއްލަ ހަޔާތް ބާއްޖަވެރިކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލާ ވިސްނާ ފިކުރުކުރުމެވެ. ކަންކަމާމެދު އަނެކުން ބުނާ ވާހަކަތަތައް އަޑުއަހާ އެއިން ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގަތުމަށެވެ. ދުނިޔެވީކަންކަން އޮންނަ ގޮތް އަމިއްލަ އަށް ދެނެގަތުމަށެވެ. ތިމާ އާއި އަނެކުންނަށް ދިމާވެފައިވާ ކަންކަމުން ޢިބުރަތް ހާސިލްކޮށް، ތިމާގެ ކުރިމަގު ބިނާކުރުމެވެ. ތިމާގެ ފަރާތުން އަނެކުންނަށް ދެވޭނީ ކޮންކަހަލަ ލުއިފަސޭހައެއްތޯ ބަލައި އެކަން ކުރުމެވެ. އެހެންމީހުންނާއެކު މުޖުތަމަޢުގައި ތިމާވެސް ހިމެނޭގޮތަށް ފަސޭހަކަމާއެކު އުޅުމަށް މަގުފަހިވާނޭ ގޮތަކީ ކޮބާތޯ ބަލައި އެގޮތަށް ޢަމަލުކުރުމެވެ. ތިމާއަކީވެސް އެހެންމީހުން އިހްތިރާމްކުރާ އެހެންމީހުންނަށް އަޅާލާމީހަކަށް ވުމަށެވެ. މުޖުތަމަޢުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމްކޮށް ތިމާހިމެނޭހެން އުޅެންދަސްކުރުމެވެ. ނަމަވެސް ކަންކަމާމެދު ވިސްނާ ފިކުރު ކުރާއިރު ދިމާވާ ހުރިހާ ކަމަކާމެދު ނުބައި ވިސްނުމުން ވިސްނުމަކީ، ނުވަތަ ނެގެޓިވް ތިންކިން ގެންގުޅުމަކީ، އޭގެ ސަބަބުން ތިމާއަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ހިތްނުތަނަވަސްވުމާއި، ސިކުނޑިއަށް ބާރުބޮޑުވެ ހާސްވުމާއި، ޕްރެޝަރ މައްޗަށް ދިޔުމާއި، ހަކުރުބައްޔަށް ވާރުތަވުން ފަދަ އެތަކެއް ކަމެއް ތިމާއާއި ކުރިމަތި ވުމަކީ ވަރަށް ގާތްކަމެކެވެ. އޭގެ ސަބަބުން ތިމާގެ އަމިއްލަ ސިއްޚަތަށް ނޭދެވޭ ބޮޑެތިކަންކަން ކުރިމަތިވެގެން ދެއެވެ. ސިއްޚީ ގޮތުން ނޫންކަމުގައިވިޔަސް އިޖުތިމާޢީ ގޮތުން ބެލިކަމުގައި ވިޔަސް އެތަކެއް އުނދަގޫތަކާ ކުރިމަތިލާން ޖެހިދެއެވެ. އަނެކުންނާ ދޭތެރޭ ނުބައި ހީކުރުންތައް ކުރުމާއި، ނުބައި ކޮށް ވިސްނުމާއި، އެހެން މީހުންނަށް އިތުބާރު ނުކުރެވުމާއި، އަނެކުންގެ ވާހަކަތަށް އެހެން މީހުންކައިރީގައި ދެއްކުމާއި، މިހެން ގޮސް އެތައްކަމެއް ވެއެވެ. އެހެންކަމުން މުޖުތަމަޢުގައި ތިމާއަކީ އެހެން މީހުން އިތުބާރު ނުުކުރާ ބަލައިގަންނަން ފަސޭހަ މީހަކަށް ނުވެއެވެ. އެހެންމީހުންނާއެއްކޮށް އެއްކޮށް އުޅުމަށް އެހެންމީހުން ބޭނުން ނުވާމީހަކަށް ވެގެން ދެއެވެ. ތިމާއާ ދޭތެރޭ އެހެން މީހުން ދެކޭގޮތް ވަރަށް ބޮޑަށް ނެގެޓިވް ވެ ނުވަތަ ނުބައިވެ ތިމާގެ ތަސައްވުރު ބަލައި ގަންނަން އުނދަގޫވާ މީހެއްގެ ގޮތުގައި މީހުން ދެކެންފަށައެވެ. މީގެ ތެރޭގައި ޢާއިލީ މީހުންނާއި އެކުވެރި ރަހުމަތްތެރިންނާއި އަވަށްޓެރިންވެސް ހިމެނިގެންދެއެވެ. މިކަން މިހެން ހުރިކމުގައިވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތެއްވެސް ވެއެވެ. ކަންކަމާ މެދު ވިސްނާ ފިކުރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ދުނިޔެވީ ހަޔާތާއި އާޚިރަތް ބާއްޖެވެރި ކުރުމަށް ރަނގަޅު ގޮތަކީ ކޮބާތޯ ބަލައި، ކަންކަމާ މެދު ވިސްނާ ފިކުރު ކުރަންޖެހެއެވެ. މީހުން ދައްކާ ވާހަކަތައްވެސް އަޑުއަހަންޖެހެއެވެ. ކަންކަން އޮންނަ ގޮތް އޮޅުންފިލުވަން ޖެހެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ހުދޫދު ތަކެއް ނުވަތަ އިންތަކެއް ހުރެއެވެ. ކަމާބެހޭ މާހިރުން ބުނަނީ ކަންކަމާމެދު ވިސްނާ ފިކުރު ކުރުމަކީ އޮތް ކަމެއް ކަމުގައި ވިޔަސް، އަބަދުވެސް ކަންކަމާ ދޭތެރޭ ދެކޭގޮތަކީ ހެޔޮވިސްނުން ކަމުގައި ހެދުމަށެވެ.

ދުނިޔެވީ ހަޔާތުގައި ތިމާއަށް ދިމާވާ ކަންކަމަކީ، ތިމާއަށް ކޮންޓްރޯލް ކުރެވޭ، ތިމާ އެކަމަށްޓަކައި ކެތްތެރިވާންޖެހޭ، ކަންކަމަށް ހަދަންޖެހެއެވެ. ދުނިޔޭގައި އުޅޭއިރު ތިމާ ބޭނުންހާކަމެއް، ބޭނުންހާ ގޮތަކަށް ވާންޖެހޭނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެކަމަކީ އެހެން ކުރެވޭނެ ކަމެއްވެސް ނޫނެއެވެ. އެހެން ކަމުން ތިމާއަށް ދިމާވާ ކަންކަމުގައި ހެޔޮވިސްނުން ގެންގުޅެން ވާނެއެވެ. ކަންކަމުގައި ދެކޭގޮތް ރަނގަޅުކުރަންޖެހޭނެއެވެ. އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފްސަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހިތާއި ފިކުރަށް، ސިކުނޑިއަށް ލުއިވެގެން ދެއެވެ. އަމިއްލަ ނަފްސަށް ހިންހަމަޖެހުމާއި، ލުއިކަން އިހްސާ ކުރެވިގެންދެއެވެ. ކަންކަމުގައި އިތުބާރު އުފެދިގެން ދެއެވެ. ތިމާއާ ދޭތެރޭ އަނެކުން ދެކެމުންދާ ގޮތް ރަނގަޅުވެ މުޖުތަމަޢުގައި މީހުން ބަލައިގަންނަ މަޤުބޫލުމީހަކަށް ވުމުގެ ފުރުސަތުވެސް އުފެދިގެންދެއެވެ. ކަންކަމާމެދު ހެޔޮވިސްނުން ގެންގުޅުމަކީ ޒުވާންކަމަށް ވަރަށް ބޮޑަށް ބާރުލިބިގެންދާކަމެކެވެ. ޒުވާންކަންމަތީގައި ދެމެހެއްޓުމަށް ލިބޭ ހިތްވަރެކެވެ. ޢުމުރުން ދުވަސްވާވަރަކަށް ބޭކާރު ޚިޔާލުތަކާއި ފިކުރުތައް، ނުބައި ވިސްނުންތަކުން އެކަހެރިވެ އުޅުމަކީ، ސިއްޚީ ދުޅަހެޔޮކަމަށް ހިތްވަރުލިބޭ ކަމެއްކަން ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ތިމާގެ ދިރިއުޅުމުގައި ދިމާވާކަންކަން ފަސޭހައިން ހައްލުވެ، ދިރިއުޅުން އާރާސްތުކުރުމުގައި، ތިމާގެ އަމިއްލަ ނަފްސާއި ހަށިގަނޑު ލުއިފަސޭހަކަމުގެ ތެރެއަށް ގެނެސްދިނުމަށްޓަކައި، ކަންކަމާ މެދު ހެޔޮވިސްނުން ގެންގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ.

ވީމާ، އަބަދުވެސް ހެޔޮވިސްނުމުގައި ކަންކަމުގައި ގެންގުޅުމަކީ، އެންމެ ވިސްނުންތެރިންގެ ގޮތް ކަމުގައި ޤަބޫލުކުރެވެއެވެ. އެހެންކަމުން ކަންކަމާމެދު ހެޔޮވިސްނުން ގެންގުޅުމަކީ، ސިއްޚީ ގޮތުންވެސް ފައިދާ ކުރާކަމެއްކަން ޔަޤީނެވެ.