ލިޔުނީ: އަޒްހީން

ހދ. ވައިކަރަދޫއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިއްޔެ އެރަށަށް ގެންދެވުނު 250 ކިލޮވޮޓުގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދޭންފަށައި ކަރަންޓުގެ މައްސަލަ ހައްލުކުރެވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަ ކުރައްވައިފިއެވެ.

ވައިކަރަދޫއަށް ކަރަންޓުގެ މައްސަލަ ވަނީ އެ ދިމާވީ އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ރަށަށް ބޭނުންވާވަރަށް ކަރަންޓު ފޯރުކޮއްނުދެވޭތީ ކަރަންޓުގެ ހިދުމަތް ދެމުން ދިޔައީ 6 ބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް ގަޑިއިރަކަށެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ވައިކަރަދޫ ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ ވައިކަަރަދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.