ބާސެލޯނާގެ ހުނަރުވެރި ލަމީން ޔަމާލްގެ ސޮއި ހޯދުމަށް ޓަކައި ކްލަބަކުން 200 މިލިއަން ޑޮލަރު ހުށަހެޅިކަމަށް އެކްލަބުގެ ރައީސް ޖޯން ލަޕޯޓާ ހާމަކޮށްފިއެވެ.

ޔަމާލްއަށް 200 މިލިއަން ޑޮލަރުން ހުށަހެޅީ ކޮން ކްލަބެއް ކަމެއް ލަޕޯޓާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ނޫސްތަކުން ލަފާ ކުރާ ގޮތުގައި ޔަމާލްއަށް އެހާ ބޮޑު އަދަދެއް ހުށަހެޅި ކްލަބަކީ ފްރާންސްގެ ޕީއެސްޖީއެވެ.

މާލީ ދަތިތަކާ ކުރިމަތިވެފައިވާ ބާސާއަށް 200 މިލިއަން ޑޮލަރުން އެތައް ގޮތަކުން ފައިދާ ވެގެންދާނެ ކަމުގައިވިއަސް, ލަޕޯޓާ ވަނީ ޔަމާލް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

"ޔަމާލްގެ ސޮއި ހޯދުމަށް ޓަކައި ކްލަބުތަކުން ވަރަށް ގިނަ އަދަދުގެ ފައިސާ އަންނަނީ ހުށަހަޅަމުން. އެންމެ ބޮޑު ބިޑަކަށް ޔަމާލްއަށް ކްލަބަކުން ހުށަހަޅާފައިވަނީ 200 މިލިއަން ޑޮލަރު. ކިތަންމެ ބޮޑު އަދަދެއް ހުށަހެޅި ކަމުގައިވިއަސް އަހަރެމެން ޔަމާލް ވިއްކާލާކަށް ނުވިސްނާނަން" ޔަމާލްއާ ބެހޭ ގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުންޏެވެ.

ލަޕޯޓާ ހާމަކުރި ގޮތުގައި ޔޫރަޕުގެ ބައިވަރު ކްލަބުތަކުން އަންނަނީ ބާސާގެ ބައިވަރު ކުޅުންތެރިންނަށް ފާރަލަމުންނެވެ. ނަމަވެސް ކްލަބުގައި ބޮޑެތި ދައުރުތައް އަދާ ކުރަމުން އަންނަ އެއްވެސް ކުޅުންތެރިޔެއް ވިއްކާނުލާނެ ކަމުގެ ޔަގީންކަށް ލަޕޯޓާ ވަނީ ދީފައެވެ.