އަބްހާޒިއާގައި މާޗް 24 2024 ވާ އާދީއްތަ ދުވަހަކީ މުޅިގައުމު ހިތާމަ ފާޅުކުރާ ދުވަހެއް ކަމަށް އެގައުމުގެ ރައީސް އަސްލާނީ ބްޒާނިއާ ވިދާޅުވެއްޖެއެވެ.

މާޗް 24 ވަނަ ދުވަސް ހިތާމަ ފާޅު ކުރާ ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ރަޝިޔާގައި ކްރޮކަސް ސިޓީ ހޯލުގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ކަމަށް ރައީސް ވިދާލުވިއެވެ. އެގޮތުން މިއަދު އަބްހާޒިއާގައި އެގައުމުގެ ހުރިހާ ދިދައެއް ތިރިކުރެވޭނެއެވެ. ކްރޮކަސް ސިޓީ ހޯލުގައި ދިމާވި ޓެރަރިޒްމް ހާދިށާއާއި ގުޅިގެން މިއަދު އެގައުމުގެ ހިތާމަ ކުރާ ދުވަހެއްގެ ގޮތުގައި ކަނޑާއެޅީ ރަޝިޔާއާއި އެކު ހިތާމައިގައި ބައިވެރި ވުމުގެ ގޮތުންނެވެ. އަދި ރަޝިޔާއާއި އަބްހާޒިއާގެ ގުޅުން ހާމަ ކުރުމަށެވެ.

މިދިޔަ ހުކުރު ދުވަހު އައިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133ކެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.