މޮސްކޯގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާކަމުގެ މައުލޫމާތު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރި ކަމަށް ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ރޮއިޓާސްއަށް ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު މޮސްކޯގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާ ގޮތުގެ މައުލޫމާތު އެމެރިކާ ސަރުކާރަށް ލިބިފައިވެ އެވެ. މި ޓެރަރިސްޓް ހަމަލާ އަމާޒު ކުރެވޭނީ ބޮޑެތި ޖަލްސާތަކާއި މީހުން ގިނަ ކޮންސެޓްތަކަށެވެ. މިކަމާއި ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުން ރަޝިޔާގައި ތިބި އެމެރިކާ މީހުންނަށް އާންމު ލަފާއެއް ވެސް ނެރެފައިވެއެވެ. އެމެރިކާ ސަރުކާރަށް މިފަދަ ޓެރަރިޒްމް ހަމަލާއެއް ރޭވިފައިވާ ކަން އެނގުމުނން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. އެއީ ޒަމާނުއްސުރެ ދެ ގައުމު ދެމެދު އޮންނަ "އިންޒާރު ދިނުމުގެ ވާޖިބު" ސިޔާސަތާއި އެއްގޮތަށް ކުރި އަމަލެއް ކަމަށް ވޮޓްސަން ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އައިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133ކެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.