ރަޝިޔާގެ ކްރޮކަސް ސިޓީ ހޯލުގައި ދިމާވި ޓެރަރިޒްމްގެ ހަމަލާއަކީ ވަރަށް ހިތާމަ ވެރި ހަމަލާއެއް ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

ކަމަލާ މިހެންވިދާޅުވީ އޭނާ އޭބީސީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މި ޓެރަރިޒްމްގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވެގެންދިޔަ މީހުންގެ އާއިލާއަށް އެކަމަނާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. މީގެއިތުރުން އޭނާ ވިދާޅުވީ އެމެރިކާއަށް މި ހަމަލާގައި ޔޫކްރެއިންގެ އަތެއް ވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި މި ހަމަލާއަކީ އައިސިސް ޓެރަރިސްޓް ގްރޫޕުން ރާވައިގެން ކުރިއައް ގެންގޮސްފައިވާ ހަމަލާއެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އައިސިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133 އެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.