ލިޔުނީ: އަޒްހީން

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާ ފުރިހަމަ ކުރަމުން އަންނަ ފަރާތަކުގެ ކަންބޮޑުވުންތައް ހައްލުކޮށް، މިހާރައްވުރެ ހަރުދަނާ ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ދެވަނަ ސުވާލުގައި މެތެޑޯންގެ ފަރުވާ ނަގަމުންދަނިކޮށް ކުރީގެ މައްސަލައެއްގައި، ވަޒީފާ ދޫކުރުމަށްފަހު ރީހެބަށް ދާން ޖެހުމުގެ ބަދަލުގައި އެފަރާތުން ނަގަމުންދިޔަ ފަރުވާގައި ހުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހަމަޖައްސައި ދެވޭނެތޯ އައްސަވާފައިވެއެވެ.

ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެފަރާތްތަކުން ނަގަމުންއަންނަ ޓްރީޓްމެންޓް ތަކުގައި ހުރެވޭނެ ގޮތެއް ހަމަޖައްސައި ދެވޭނެކަމަށާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަދި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ފަރުވާނެގުމުގެ ކަންތައްތައް ހަރުދަނާކޮށް ފަރުވާ އެއްކޮށް ނިންމޭނެ ގޮތް ގާނޫނުގެ ތެރެއިން ހަމަޖައްސައިދޭނެކަމަށެވެ.