ބިންވެރިޔާ ސްކީމުން ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އިއްޔެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އިއްޔެ ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ސުޖާއުވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

މި މަސައްކަތް ފައްޓަވާދެއްވުމަށްފަހު ފަޒުލް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް މި ގޯތިތަށް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް ދޫކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ތިން މަރުހަލާއަކަށް ބަހާލައިގެން ދޫކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިންމާފައިވާ ބިންތައް، މިހާރު ދޫކުރަން ނިންމާފައިވަނީ އެ ތިން މަރުހަލާ އެއްކޮށްލައިގެން ކަމަށްވެސް ފަޒުލް ވިދާޅުވެފައިވެއެވެ.

އެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިއްބެއެވެ. އޭގެތެރެއިން 18،948 ގޯތި ފަރާތަކަށް ވަނީ ގޯތިދީފައެވެ. މީގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ

މި ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެ އިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވާއިރު، އިން ވަކިކޮށް ހަވާލު ނުކޮށް ހުރީ ހިލައާއި ވެލި ފުނިތައް އަދި މަގުތަކަށް އަރާ ގޮތަށް ހުރި ގޯތިތަކެވެ. އަދި ކަރަންޓާއި ފެނާއި ނަރުދަމާ ހޮޅިތަކުގެ މަތިން ދޫކޮށްފައިވާ ގޯތިތައްވެސް އަދި ހަވާލެއް ނުކުރެއެވެ.

މީގެއިތުރުން އެޗްޑީސީއިން އަންނަނީ މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ގާތްގަނޑަކަށް 180 ވަރަކަށް ބިން ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެ ކޯޕަރޭޝަނުގެ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާއިރު އެ ކޯޕަރޭޝަނުން އަންނަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ މަޝްވަރާކޮށްގެން ނެޓުވޯކުތައް ބަދަލުކޮށް އިންފާރު ރޭނުމުގެ ހުއްދަ ދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.