ލިޔުނީ: އަޒްހީން

ސްޓެލްކޯގެ މާލެއާއި ހުޅުލޭ އަދި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ 132 ކިލޯވޮޓުގެ ކޭބަލްގެ މައްޗަށް އިސްތިހާރުބޯޑުތައް ބެހެއްޓުމަށް ދަގަނޑުފަދަ ތެކެތި ޖެހުން ހުއްޓާލުމަށްް އެކުންފުނިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯއިން ރޭ ނެރުނު އިއުލާނެއްގައި ބުނީ އެކި ހަރަކާތްތައް ބޭއްވުމަށާއި އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ބެހެއްޓުމަށްޓަކައި ދަގަނޑުފަދަ ތަކެތި އިންޓަރކަނެކްޝަން ވިއުގައަށް ޖަހާކަން ފަހަގަވަމުންދާކަމަށާއި މީގެ ސަބަބުން އެ ވިއުގައިގާ ހިމެނޭ އެނަޖައިޒް ކޭބަލްތަކަށް ގެއްލުންލިބި، އެ ދަގަނޑު ޖަހާ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާވެދާނެކަމަށެވެ. މީގެ އިތުރުން އެ ކޭބަލްތަކަށް ގެއްލުންވެޖެނަމަ މާލެ ސަރަޙައްދަށް ފޯރުކުރަމުންދާ ކަރަންޓުގެ ހިދުމަތަށް ބުރޫއެރުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ތަންތަނުގެ އިތުރުން، މަގު ކޮނެ، އިޝްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ އެކަމަށް ސަމާލުކަންދީ ވިއިގަގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ.

މާލެ ސަރަހައްދުގެ ގުޅިފައިވާ ކަރަންޓުގެ ވިއުގައަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައިފި ނަމަ، އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ސްޓެލްކޯއިން އަންގާފައިވެއެވެ.

"އިންޓަރކަނެކްޝަން" ވިއުގައަކީ 200 މެގަވޮޓް އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ކަރަންޓު ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ، ހަތް ކިލޯމީޓަރުގެ ދުރުރާސްތާއަށް އަޅާފައިވާ ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ.