ރަޝިޔާގައި ހިނގި ޓެރަރިޒަމްގެ ހާދިސާއާ ގުޅިގެން ފްރާންސް އިން ޓެރޯ އެލާޓް ނެރެފިއެވެ.

ފްރާންސްގައި ތިން މިންވަރެއްގެ ޓެރޯ އެލާޓް ވާއިރު، އިއްޔެ ނެރެފައިވަނީ އެންމެ މަތީ ދަރަޖައިގެ ޓެރޯ އެލާޓެވެ. މި އެލާޓް ނެރެފައިވަނީ ފްރާންސްގެ ޕްރައިމް މިނިސްޓާރ ގެބްރިއެލް އައްޓާލް އެގައުމުގެ ރައީސް އެމަނުއެލް މެކްރޮންއާއި ބޭއްވި ބައްދަލު ވުމަކަށް ފަހުއެވެ. މި ބައްދަލުވުމުގައި ފްރާންސްގެ ސީނިއާ ސެކިއުރެޓީ އަދި ޑިފެންސް އޮފިޝަލުން ވެސް ބައިވެރި ވެފައެވެ. މި އެލާޓް ނެރުމަށް ފަހު ގެބްރިއެލް އައްޓާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެލާޓް ނެރެން ނިންމި ސަބަބަކީ ރަޝިޔާގައި ހިނގައިދިޔަ ޓެރަރިޒަމްްގެ ހާދިސާއާއި އަދި ފްރާންސް އަށް ލިބެމުންދާ އެހެނިހެން އިންޒާރުތަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އައިސިސް ޓެރަރިސްޓް ޖަމިއްޔާއިން ވަނީ ރަޝިޔާގެ ކްރަސްނޮގޯރސްކް ސިޓީގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައެވެ. ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނާގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 133 އެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަޚަމްވެފައިވަނީ 147 މީހެކެވެ. ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ 11 މީހަކު މިހާރު ވަނީ ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.