އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުނު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

އެމީހާ އުމުރާއަށް ގޮސްފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގުރޫޕާ ގުޅިގެންނެވެ.

މި ކަމާގުޅިގެން އެ ގުރޫޕުގެ ފޭސްބުކް ޕާޖްގައި ޖަހާފައިވާ ޕޯސްޓަގައި ވަނީ އުމްރާއަށް ގޮސް އުޅެނިކޮށް މިއަދު ނިޔާވެފައި ވަނީ ހއ. ދިއްދޫ، އޮސާކާ، އިބްރާހީމް ރަޝީދުކަމަށެވެ. އަދި އިބްރާހިމް ރަޝީދު ނިޔާވި އިރު އޭނާ ދިޔައީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައިވެސް އިބްރާހިމް ދިޔައީ ފުއްޕާމޭގައި އިންފެކްޝަން އުފެދި މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށެވެ.

'ހަލި ނިއުސް ' އިން މި ކަމުގެ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފާއަރޒް އަށް ގުޅުމުން އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވިކަން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

މީގެކުރީގެ ބައެއް ދަތުރުތަކުގައިވެސް އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އެކި ނިޔާވެފައި ވެއެވެ.