މިސްކިތްތަކަކީ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އަދި އެއިލާހު އެންމެ ލޯބިވެވޮޑިގެންވާ ތަންތަނެވެ. އެތަންތަން ހެދިފައިވަނީ އަޅުކަންކުރުމަށާއި ނަމާދުކޮށް އަދި ﷲގެ ޛިކުރުކުރުމަށެވެ. އެތަންތަނަށް ދަނީ އެއިލާހަށް އީމާންވާ މީހުންނެވެ.

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ [سورة التوبة ١٨]

މާނައީ: “ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތް ބައެކެވެ.”

މުއުމިނުން މެނުވީ ޙައްޤު ގޮތުގައި މިސްކިތްތައް ފަޅުފިލުވައި، ބަލަހައްޓާ ބަޔަކު ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللَّـهِ﴾ [سورة التوبة ١٧]

މާނައީ: “ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ މުޝްރިކުންނަށް އޮތްކަމެއް ނޫނެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ [٣٦] رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ [٣٧]﴾ [سورة النور ٣٦ ، ٣٧]

މާނައީ: “އެތަންތަނުގައި އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތަނުގައި އެއިލާހަށް ތަސްބީޙަ ކިޔައި އުޅެއެވެ. [36] އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: ތަސްބީޙަ ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް، ﷲ ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު ޤާއިމުކުރުމުންނާއި، ޒަކާތް ދިނުމުން، އެބައިމީހުން މަޝްޣޫލުކޮށް ދުރުކޮށެއް ނުލައެވެ. އެދުވަހެއްގައި ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެބައިމީހުން ބިރުވެތިވެއެވެ. [37]”

އެތަންތަނަށް ވަނުން މަނާކޮށް، ބަންގި ގޮވުން ހުއްޓުވާމީހުންނަށް ﷲ ތަޢާލާ ވަނީ އިންޒާރު ދެއްވާފައެވެ.

﴿وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَـٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴾ [سورة البقرة ١١٤]

މާނައީ: “ﷲ ގެ މިސްކިތްތަކުގައި އެއިލާހުގެ އިސްމުފުޅު ނަންގަތުން މަނާކޮށް އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ. ބިރުންތިބޭ ޙާލުގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެބައިމީހުންނަކަށް ނުވެއެވެ. ދުނިޔޭގައި އެބައިމީހުންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.”

އެތަންތަނުގެ މުންނާރުތަކުން ކޮންމެ ދުވަހަކު ތައުޙީދަށް ހެކިވެ، ބަންގީގެ އަޑު ތަކުރާރުކުރެއެވެ.

أشهد أن لا إله إلا الله، أشهد أن لا إله إلا الله،

أشهد أن محمدا رسول الله، أشهد أن محمدا رسول الله.

އަދި އިސްލާމުކަމުގެ ތަނބުކަމުގައިވާ ނަމާދަށް ގޮވާލާ ނިދާ ތަކުރާރުކުރެއެވެ.

حي على الصلاة، حي على الصلاة،

حي على الفلاح، حي على الفلاح.

އެތަންތަނުގެ މިޙްރާބުތަކާއި މިންބަރުތަކުން އީމާންކަމުގެ ރިސާލަތު ފޯރުކޮށްދެއެވެ. ފަހެ، އެއިން ހިތްތަކާއި ކަންފަތްތައް ހުޅުވައިދެއެވެ. އަދި ޝިރުކުގެ އަނދިރިކަން ފުހެލައެވެ. އަދި އެއީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ތަރުބަވީ އަދި ޢިލްމީ މަދްރަސާއެވެ. މާތްވެގެންވި ޞަޙާބީންގެ ޖީލު ތަރުބިއްޔަތުވެގެން ނުކުތީ އެތަނުންނެވެ. ފަހެ، ޢިލްމާއި ޢަމަލުގައިވެސް އެންމެ ޙައްޤު ގޮތުގައި ތިއްބެވީ އެބޭކަލުންނެވެ.

އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުން ހިމެނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ﴾ [سورة التوبة ١٨]

މާނައީ: “ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ ﷲ އަށް އީމާންވާ މީހުންކަން ކަށަވަރެވެ.”

އަދި މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި އެތަނުގައި އަޅުކަންކުރުމާއި ނަމާދަށް އައުމަށް ގޮވާލުމުން ނަމާދު ޤާއިމުކުރުމަށް އެތަނަށް ދިއުންވެސް ހިމެނެއެވެ. އެހެންކަމުން އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި މިސްކިތައް ބިނާކޮށް އެތަންތަނުގައި އަޅުކަންކުރުން ހިމެނެއެވެ. އަދި އެތަނުން ގޮވާލާ ބަންގިއަށް އިޖާބަދީ ނަމާދު ޤާއިމުކުރުންވެސް ހިމެނެއެވެ.

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي العَتَمَةِ وَالصُّبْحِ، لَأَتَوْهُمَا وَلَوْ حَبْوًا». [رواه البخاري برقم: 618]

މާނައީ: “މީސްތަކުންނަށް ބަންގިއާއި، ފުރަތަމަ ޞަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ. އަދި ނަމާދަށް އަވަހަށް ދިޔުމުގެ މާތްކަން އެނގޭނަމަ އެކަމަށް އެބައިމިހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވިޔަސް (އެ ދެ ނަމާދަށް) އައީހެވެ.”

ފާފަ ފުއްސެވި ދަރަޖަ އުފުއްލެވޭ ކަންކަމުގެ ތެރޭގައި މިސްކިތަށް ދިއުމަށް އެޅޭ ފިޔަވަޅުތައް ގިނަކުރުން ހިމެނެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا، وَيَرْفَعُ بِهِ الدَّرَجَاتِ؟»

قَالُوا بَلَى يَا رَسُولَ اللهِ.

قَالَ: «إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ، فَذَلِكُمُ الرِّبَاطُ». [رواه مسلم برقم: 41 – (251)]

މާނައީ: “ﷲ، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާ އަދި އޭގެ ސަބަބުން ތިޔަބައިމީހުންގެ ދަރަޖަތައް އުފުއްލަވައި ދެއްވާ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބުނެދެއްވަން ހެއްޔެވެ؟”

(ޞަޙާބީން) ދެންނެވިއެވެ. “އާއެކެވެ. އޭ ﷲގެ ރަސޫލާއެވެ. (ބުނެދެއްވާށެވެ.)”

ޙަދީޘްކުރެއްވިއެވެ. “ނަފްސު ނުރުހުންތެރިވާ، ދަތި އުނދަގޫ ޙާލަތްތަކުގައި (ފިނި ގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ވުޟޫކުރުމަށް އުނދަގޫވާ ޙާލަތްތަކުގައި) ފުރިހަމައަށް ވުޟޫކުރުމާއި މިސްކިތްތަކަށް އައުމަށް އަޅާ ފިޔަވަޅު ގިނަކުރުމާއި އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ، ތިޔަބައިމީހުން ކިޔަމަންތެރިކަން އަދާކުރުން މަތީ ދެމި ތިބުމަކީ އެއީއެވެ.”

އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ، أَعَدَّ اللهُ لَهُ فِي الْجَنَّةِ نُزُلًا، كُلَّمَا غَدَا أَوْ رَاحَ». [متفق عليه]

މާނައީ: “ހެނދުނު ނުވަތަ މެންދުރު ފަހު މިސްކިތަށް ހިނގައްޖެމީހާ ދަންނައެވެ. އޭނާ މިސްކިތަށް ދާ ކޮންމެ ފަހަރެއްގައި އޭނާއަށްޓަކައި ﷲ މެހެމާނުދާރީއެއް ތައްޔާރުކުރައްވައެވެ.”

އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ». [متفق عليه]

މާނައީ: “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ.”

އަދި އެބައިމީހުންގެ ތެރޭގައި ޛިކުރު ކުރެއްވިއެވެ.

«وَرَجُلٌ قَلْبُهُ مُعَلَّقٌ فِي المَسْجِدِ». [متفق عليه]

މާނައީ: “އަދި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ». [رواه أبو داود (561) والترمذي (223) وصححه الألباني في مشكاة المصابيح برقم: (721)]

މާނައީ: “ރޭގަނޑުގެ އަނދިރީގައި ގިނަގިނައިން ހިނގާފައި މިސްކިތްތަކަށް ދާ މީހުންނަށް ޤިޔާމަތްދުވަހު ފުރިހަމަ އަލިކަންވާކަމުގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ.”

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّـهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَاسْتَغْفِرُوا اللَّـهَ ۖ إِنَّ اللَّـهَ غَفُورٌ رَّحِيمٌ﴾ [سورة المزمل ٢٠]

މާނައީ: “އަދި ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ޘަވާބު، ﷲ ގެ ޙަޟްރަތުގައި ހެޔޮކަން ބޮޑުވެގެންވާތީ އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެއެވެ. އަދި ތިޔަބައިމީހުން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”

__________________________

މިއީ 08 ޞަފަރު 1442 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި الشيخ عبدالله البعيجان -حفظه الله- ދެއްވި ޚުޠުބާގެ ޚުލާޞާއެކެވެ. ލިޔުމުގެ އަސްލު ނެގިފައިވަނީ "ދިސަލަފިއްޔާ.ނެޓް" އިންނެވެ.