ލިޔުނީ: އަޒްހީން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓާ ކުރުމަށް ތުރުކީން އަސްކަރީ ޑްރޯން ހޯދުމުގައި ހުރިހާ ތަފްސީލުތަކެއް ހާމަކުރާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްވައިފިއެވެ.

މިނިސްޓަރު ވިދާޅުވީ ޑްރޯން ގަތުމާ ގުޅޭ ހުރިހާ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާމަކުރާނެ ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ތިން ޑްރޯން އޮޕަރޭޓްކުރި ނަމަވެސް އަގުތައް ފަދަ ތަފްސީލުތައް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އެ މުއާމަލާތަކީ ޓްރާންސްޕޭރެންސީ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ކޮށްފައިވާ މުއާމަލާތެއް ކަމަށާއި ނަމަވެސް ދިފާއީ ޚަރަދުގެ ތަފްސީލް އާންމު ފޯރަމްތަކުގައި ހާމަކުރުމަކީ އެއްވެސް ގައުމަކުން ހަމާކުރާ މައުލޫމާތެއް ނޫންކަމަށެވެ.

ނަމަވެސް ސިއްރު ޖަލްސާއެއްގައި 241 ކޮމިޓީއާ މައުލޫމާތު ހިއްސާކުރަން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރ ޣައްސާން ވިދާޅުވިއެވެ. މީގެ އިތުރުން ޑްރޯން ގަތުމުގެ ބޮޑު ބައެއް ހިލޭ ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ތުރުކީން ދޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ.