ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ދިއުމުގެ ވިސްނުމެއް ވިޓޯ ރޯގްގެ ނެތް ކަމަށް އޭނާގެ އޭޖެންޓް އަންޑްރޭ ކަރީ ހާމަކޮށްފިއެވެ.

މި އަހަރުގެ ޖަނަވަރީ މަހު ބްރެޒިލްގެ ކްލަބެއް ކަމުގައިވާ އެތުލެޓިކޯ ޕެރެނައީސްއިން ބާސާއާ ގުޅުނު ރޯގް މިސީޒަނުގައި އަދި ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ އެންމެ ފަހަރަކުއެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ, ގިނަ މެޗު ކުޅުމުގެ ބޭނުމުގައި ރޯގް, ބާސާ ދޫކޮށް ލޯނަކަށް ނަމަވެސް އެހެން ކްލަބަކަށް ދާނެ ކަމަށް ލަފާކުރަމުންނެވެ. ނަމަވެސް ކަރީ ވަނީ, ރޯގްގެ ކުރިމަގު އޮތީ ބާސާގައި ކަން ޔަގީން ކޮށްދީފައެވެ.

"ބައިވަރު ކްލަބުތަކުން އަންނަނީ ރޯގްގެ ސޮއި ހޯދުމަށް ޓަކައި ބޮޑެތި އަގުތައް ހުށަހަޅަމުން. ނަމަވެސް އެހެން ކްލަބަކަށް ދިއުމުގެ ޝައުގެއް ރޯގްގެ ނެތް. ބާސާގައި އޭނާ ހުރީ ވަރަށް އުފަލުގައި. މި ވަގުތު ހާލަތު ހުރި ގޮތުން ގިނަ މެޗުތަކުގައި ނުކުޅެވުނަސް, ރޯގްގެ އުއްމީދަކީ ބާސާގައި މުހިއްމު ކުޅުންތެރިޔަކަށް ވުން" ރޯގް ބާސާގައި ހުންނަން ބޭނުންވާ ކަން ހާމަކުރަމުން ކަރީ ބުންޏެވެ.

ބްރެޒިލްގެ ޒުވާން ފޯވާޑު, ވިޓޯ ރޯގްގެ ސޮއި ހޯދުމަށް ބާސާ ވަނީ 44 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ބާސާގައި ހޭދަކުރި ތިން މަސް ތެރޭގައި 12 މެޗު ކުޅެދީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.