ތުރުކީގައި އައިސިސް ޖަމާއަތާއި ގުޅުން ހުރި 147 މީހަކު ހައްޔަރު ކޮށްފި ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކަޔާ ވިދާޅުވެއްޖެއެވެ.

އަލީ ޔެރްލިކާޔާ މިހެން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އޭނާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެއެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ތުރުކީގެ 30 ސަރަހައްދެއްގައި އެގައުމުގެ ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ، އަދި މި އޮޕޭރަޝަންގައި އައިސިސް ޓެރަރިސްޓު ޖަމާއަތާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ 147 މީހުން ހައްޔަރު ކުރެވިފައިވާ އިރު، ގިނަ އަދަދެއްގެ އައިސިސްގެ ޑޮކިއުމެންޓްސް ހިމެނޭ ސްޓޯރޭޖް ޑިވައިސް ތަކެއް އަތުލައިގެންފިއެވެ.

މީގެއިތުރުން އަލީ ވިދާޅުވީ އޭޕްރީލް 1 އިން ފެށިގެން 25 މާޗް 2024 އާ ހަމައަށް ތުރުކީގައި އައިސިސްއާއި ދެކޮޅަށް 1329 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އަދި އައިސިސް އާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ 2919 މީހުން ވަނީ ހައްޔަރު ކުރެވިފައިވެއެވެ. މީގެ ތެރެއިން 692 މީހުންނަކީ ތުރުކީގެ ކޯޓުން އަމުރާއި އެއްކޮށް ހައްޔަރު ކުރެވިފައިވާ މީހުންނެވެ.