ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަން އިއުލާނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) 51 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
މިބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވަނީ"Secretariat of the Thinadhoo City Council" އެވެ.
އަދި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީ ނަންބަރު ޖެއްސެވުމަށް ހަމަޖައްސަވާފައި ވަނީ މިހައިތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިފައިވާ ނަންބަރު 415 އެވެ.