ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.

ސިފައިންގެ އެންމެމަތީ ވެރިޔާ، ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ރޭ ކަޅުތުއްކަލާކޮށީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވަނީ، ސިފައިންގެ ގައުމީ ހިދުމަތު މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

އަދި، އަޅުގަނޑުމެންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ގައުމު ސަލާމަތްކުރި ކޮންމެ އަބްތާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.މީގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންނޫނީ، ނޭނގި ހުއްޓައި އަޅުގަނޑުމެންގެ އަތުން ބީވެގެންދާނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މުސްތަގުބަލު ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ، ސިފައިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށާއި، އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ޚާއްޞަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު އޮނަރަބަލް މުހައްމަދު ގައްސާން މަޢުމޫން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިފާއީ ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައި ދެއްވައި، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ޤާއިމުކޮށްދެއްވައި، ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައި ދެއްވި ދެއްވުމަކީ، އެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ދުރު ވިސްނުންފުޅާއި، ދިވެހި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއްކަން ފާހަަގަކުރެއްވިއެވެ.

އަދި، ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވުމާއި، ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްޕުޅުގެ އިތުރުން، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަން ދިފާއީ ވަޒީރު ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ގައުމީ ހިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ގައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ސިފައިންނަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ސިފައިންގެ މުއައްސަސާ ތަރައްޤީ ކުރުމަށާއި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮމާންޑަރ އިން ޗީފް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކުވެރި ޤައުމުތަކަށް ކޮމާންޑަރ އިން ޗީފް ޒިޔާރަތްކުރައްވައި، ކޮންމެ ދަތުރުފުޅެެއްގައި ވެސް ސިފައިންގެ ގާބިލުކަން އިތުރުކުރެއްވުމަށް އާ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި މަސައްކަތްޕުޅު ކުރައްވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

އަދި، ކުޑަ ދުވަސްކޮޅެއް ތެރޭ ދިވެހި ތާރީހުގައި ރަންއަކުރުން ފަވާލެވިގެން ދިޔައީ، ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރު އުފައްދަވައި، އެންމެ ޒަަމާނީ ވަސީލަތްތައް އަސްކަރިއްޔާއަށް ހޯއްދަވައިދެއްވުމުގެ އިތުރުން ކޯސްޓަގާޑުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ޔަގީންކަން ދެެއްވަމުން ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.