ލިޔުނީ: އަޒްހީން

ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލައް ސިޓީގައި 108 އެނދުގެ ޓޫރިޒަމް ޒޯނެއް ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއިލް ރަފީގު އެވެ.

އެމްއޯޔޫގައި ބަޔާންކޮށްފައިވާ ގޮތަށް ޓޫރިޒަމް ޒޯންގައި 108 ގެސްޓް ރޫމް ހުންނާނެ ކަމަށާއި އާރްސީއެލް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް ކޮންސެޕްޓް ކުރެހުންތައް ވެސް މިހާރު ވަނީ ހަދާފަކަމަށް އާރްއޭސީއެލުން ބުނެއެވެ. މި ޓޫރިޒަމް ޒޯން އެޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގެ އެއާޕޯޓާ އިންވެގެން އޮންނަ “ބިޅިފޭށި” ކިޔާ ހުސް ބިމެއްގައެވެ.

މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އާރްއޭސީއެލް އިން ބުނީ މި ބޭނުން ނުކުރާ ބިން ތަރައްގީކުރުމުން ފުވައްމުލަކު ރައްޔިތުންނަށް ފައިދާވެ އެ ރަށުގައި މިހާރު ހިންގަމުންދާ ގެސްޓްހައުސްތަކަށް އިތުރު ކުރިއެރުންލިބިގެން ދާނެކަމަށެވެ. އަދި ފުވައްމުލަކު އެއާޕޯޓުގެ ފްލައިޓް ހަރަކާތްތައް އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އިގްތިސާދީ ކުރިއެރުމާއި ވަޒީފާ ތައް އުފެދިގެން ދާނެ ކަމަށްވެސް ބެލެވެއެވެ.

މި މަސައްކަތަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މެޕްގައި ފާހަގަކޮށްލެވޭ މަންޒިލަކަށް ފުވައްމުލަކު ބަދަލުކުރުމަށް އެޅޭނެ ފިޔަވަޅެކެވެ.