ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި، "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދުފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނިގޮތުގައި މި ފަހުމުނާމާގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުކަމަށާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި މިއަދު ސޮއިކުރި އިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފައެވެ. އަދި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަދި މިއީ އެ ކޯޕަރޭޝަންގެ ސީއެސްއާރުން ތަރައްގީ ކުރާ ޕްރޮޖެކްޓެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހިޔާ ޓަވަރ 8 ގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިނ ނެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.